އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެންޑީއެފަށް ހަދިޔާ ކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ޑިފެންސް ގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް ދެއްކެވި ވާހަކަފުޅުގައި ނަޞްރުގެ ދުވަހާ ގުޅުވައިގެން މިފަދަ މޮޑެލްއެއް ތައްޔާރުކޮށް ހަދިޔާކުރެއްވިކަމަށްޓަކައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މޮޑެލްއަކީ ތަފާތު ހުނަރުވެރި މަސައްކަތްތެރިކަމެއް ފެނިގެންދާ މޮޑެލްއެއްކަން ފާހަގަކުރައްވާ މޮޑެލް ތައްޔާރުކުރުމަށް ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ދައްކުވައިދީފައިވާ ހުނަރުވެރި މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ވަނީ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުގެ ހުނަރުވެރި މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ވަނީ މި މޮޑެލް ފަރުމާ ކުރުމާއި މޮޑެލް ހެދުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޑިފެންސް މިނިސްޓަރާ ޙިއްސާ ކުރައްވާފައެވެ.
ރ.ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބޭކަލެކެވެ. އޮފީސް މަސައްކަތްތަކުގެ އިތުރުން ލިބޭ ހުސްވަގުތުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އަކީ އަތްތެރި މަސައްކަތް ކުރާ ފަރާތެކެވެ. ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އެމްއެންޑީއެފަށް ހަދިޔާކުރި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއަކީ 2 ފޫޓު ދިގު މިނަށް ހަދާފައިވާ މޮޑެލްއެކެވެ. ގާތްގަނޑަކަށް 1 މަސް ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މި މޮޑެލް ހަދާފައިވަނީ ސޮންބޯޑާއި ކަރުދާހުގެ އިތުރުން ދަގަނޑު ބޭނުންކޮށްގެންނެވެ.
Advertisement
3 ނޮވެމްބަރ 2020