އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު
އެމްޓީސީސީ ގެ ތިންވަނަ ކުއާޓަރާއިހަމައަށް ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެމްޓީސީސީ ގެ 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 21.60 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރގެ ނަތީޖާއާއި އަޅާބަލާއިރު 62.76% އިތުރު އަދަދެކެވެ.
ކުންފުނީގެ 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، ތިންވަނަ ކުއާޓާރގައި ޖުމުލަ 350.18 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 69.72 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ރިކޯޑްކުރެވިފައެވެ.
އަދި 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 951.79 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 140.26 މިލިއަން ރުފިޔާ ރިކޯޑްކުރެވިފައެވެ. މި ނަތީޖާއަކީ ކުންފުނީގެ 39 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގެ ތިންވަނަ ކުއާޓަރާއިހަމައަށް ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު މާލީ އަހަރުކަން ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ.
2020 ވަނައަހަރުގެ ތިންވަނަ ކުއާޓާރގައި ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓާރގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގިފައެވެ. އެގޮތުން 70 މަޝްރޫއެއްގައި މަސައްކަތްކުރެވި 11 މަޝްރޫއެއްގެ މަސައްކަތްތަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. އަދި 12 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ވަނީ ފެށިފައެވެ.
ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައިވަނީ ހިންގިފައެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދެވިފައިއެވެ.
އެމްޓީސީސީ އިން ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް މިދަނީ ކުންފުނިން އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުން ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ޙިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަމުގެ އުފާވެރި ޚަބަރު ވަނީ ޙިއްޞާދާރުންނަށް އެމްޓީސީސީ އިން ވަނީ އަރުވާފައެވެ.
އެމްޓީސީސީ އިން ބުނެފައިވަނީ އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިޞްލާޙުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމަށާއި ކުންފުނީގެ އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ޙިއްޞާދާރުންނާއި މުޖުތަމަޢުއަށް ނަފާ ލިބޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ވެސް ވަނީ އަރުވާފައެވެ.
Advertisement
26 އޮކްޓޯބަރ 2020