އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންވަނީ، ފާޑުކިޔާ މީހެއްގެ ގޮތުގަ ހުންނާކަށް ނޫން. ފުލުހުންގެ ޚިދުމަތަކީ އެންމެ ފުރިހަމަ ޚިދުމަތަކަށް ހަދަން!: ރައީސް

ބޭނުންވަނީ، ފާޑުކިޔާ މީހެއްގެ ގޮތުގަ ހުންނާކަށް ނޫން. ފުލުހުންގެ ޚިދުމަތަކީ އެންމެ ފުރިހަމަ ޚިދުމަތަކަށް ހަދަން!: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ބޭނުންފުޅުވެވަޑައިގަންނަވަނީ ހަމައެކަނި "ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ނޫން" ކަމަށާއި "އަޅުގަނޑުގެ ބޭނުމަކީ، ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، އަދި ތިޔަ ފުލުހުންވެސް އެތަނަކާމެދު ފަޚުރުވެރިވާ، ނަޒާހަތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ޚިދުމަތް ހެދުން" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ދިވެހި ފުލުހުންނާއި ބައްދަލުކުރައްވައި މިރޭ ް ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސްގެ ވާހަކަފުޅުން: 

އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވެ މިތިބީ ވަރަށް މުހިންމު ވަޢުދުތަކަކާއެކު. އޭގެތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް ޢަދުލު އިންޞާފު ހޯދައިދީ، މުޖުތަމަޢުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކޮށްދީ، އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުން. މި މުހިންމު ވަޢުދުތައް ފުއްދުމުގައި، ދިވެހި ފުލުހުން އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑު.

ކޯވިޑް-19ގެ އަޑިގުޑަންތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، އަދިވެސް ވަރަށް ދަތި އުނދަގޫ މަރުޙަލާތަކެއް ކަޑައްތުކުރަންޖެހޭ. ރާއްޖޭގެ އިޤްތިޞާދަށް މިއައި ހީނަރުކަމާއެކު، ޢާންމު ރައްޔިތުންގެ އަތްމަތި ދަތިވެ، ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައި. ހަމައެއާއެކު އިޖުތިމާޢީ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުން.

އޭގެތެރެއިން ގިނަ މައްސަލަތަކަކީ، ކޯވިޑް-19އާ ގުޅިގެން އަލަށް ކުރިމަތިވާން ފެށި ކަންކަމެއް ނޫން. އެފަދަ ގިނަ މައްސަލަތަކަކީ، އެތައް ޒަމާނެއް ވަންދެން، އެ ކަންކަމާމެދު، މީގެކުރިން މާބޮޑު ސަމާލުކަމެއް ނުދީ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހުމުގެ ސަބަބުން، ތިލަވަމުން އަންނަ މައްސަލަތަކެއް. އެއީ، ޤަވާޢިދާ ޚިލާފަށް، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ކަމަށްވިޔަސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ރޭޕްކުރުމާއި، މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވިޔަސް، މިއީ ޙައްލުނުކުރެވި މުޖުތަމަޢުގައި ހުރި ދުވަސްވީ މައްސަލަތައް. މި ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، އިޖުތިމާޢީ މިފަދަ މައްސަލަތައް ޙައްލުކުރުމަށް.

ފުލުހުންނަކީ ޤާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިންމު ރޯލު އަދާކުރާ، އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން، މި މއައްސަލަތައް ޙައްލުކުރުމުގައި ތިޔަބޭފުޅުންގެ ދައުރު ވަރަށް ބޮޑު އަދި ވަރަށް މުހިންމު.

މިކަން ކާމިޔާބުކުރުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަޢުލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭން އެބަޖެހޭ. ހަމައެފަދައިން ފުލުހުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމަށްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ.

ތަނެއް ކުރިއަރައި ތަރައްޤީވުމަކީ، ބަދަލުވަމުންދާ ޒަމާނުގެ ފިޔަވަޅު މަތީގައި، ކުރިމަގުގެ ރާސްތާއަށް އަމާޒު ހިފައި، ދަތުރު ފައްސިޔަ ކުރުން. އެކަން އަޅުގަނޑުމެން ކުރާނީ، ފުލުހުންގެ ތެރޭގައި ތިއްބެވި، މިފަންނުގެ ޢިލްމީ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ މަތިން.

ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނީ، ޢަދުލު އިންޞާފު ޤާއިމުކުރުން. އެކަމުގެ ފެށުންވެސް ގުޅިފައިވަނީ ފުލުހުންގެ ޚިދުމަތާ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަޙުޤީޤު ފުރިހަމަކޮށް އަވަސްކުރުމަކީ، އޭގެތެރެއިންވެސް އެންމެ މުހިންމު މަސައްކަތް. ޚާއްޞަކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް، އިތުރު ސަމާލުކަމެއް ދޭން އެބަޖެހޭ. ތަޙުޤީޤު އަވަސްކޮށް ޝަރީޢަތްތައް ހަލުވިކޮށް އަވަހަށް އިންސާފު ޤާއިމުކުރެވެންޖެހޭ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް