އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑްގެ ދަތި ޙާލަތުގަ ފުލުހުން އަދާކުރި ދައުރުގެ އަގުވަޒަންކުރެވޭވަރަށްވުރެ މާމަތިވެރި!: ރައީސް ޞާލިޙް

ކޮވިޑްގެ ދަތި ޙާލަތުގަ ފުލުހުން އަދާކުރި ދައުރުގެ އަގުވަޒަންކުރެވޭވަރަށްވުރެ މާމަތިވެރި!: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 56 ސިކުންތު

ރާއްޖެއަށް ކުރިމަތިވި ކޮވިޑުގެ ނުރައްކައުތެރި ހާލަތުގައި ފުލުހުން އަދާކުރި ދައުރަކީ އެކަންކަމުގެ އަގު ވަޒަންކުރެވޭވަރަށްވުރެ މާ މަތިވެރި ޚިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ދިވެހި ފުލުހުންނާއި ބައްދަލުކުރައްވައި މިރޭ ް ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސްގެ ވާހަކަފުޅުން: 

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىއަށް ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ  އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް، ފުލުހުންގެ އިސް އޮފިސަރުން، ކޮމިޝަން އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އެންމެހައި ފުލުހުންނާއި، ފުލުހުންގެ މަދަނީ މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ދުވަސްކޮޅަކަށްފަހު، އަނެއްކާވެސް ދިވެހި ފުލުހުންގެ މި މަރުކަޒަށް ޒިޔާރަތް ކޮށްލުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. ދިވެހި ފުލުހުންނާ ބައްދަލުކޮށްލުމަށް، ތިޔަބޭފުޅުންގެ ގާތަށް މި އާދެވުނީ، ވަރަށް ބުރަ ޤައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައި.

ވަކިން ޚާއްޞަ ގޮތެއްގައި، މިއަހަރު ފެށުނީންސުރެ، ކޯވިޑް-19އާ ދެކޮޅަށް، އަޅުގަނޑުމެން އެންމެން އެކުގައި މި ކުރި މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރީ، އަދި މިހާރުވެސް އަދާކުރަމުން އަންނަނީ، ވަރަށް މުހިންމު ދައުރެއް. އެއީ، ދިވެހި ކޮންމެ ރައްޔިތަކުވެސް ހެޔޮ ހިތުން ބަލައިގަންނާނެ މަސައްކަތެއް.

ކޯވިޑްގެ ތެރޭގައި، ވެރިރަށް މާލެ ފުރަބަންދުގައި ހޭދަކުރި މުއްދަތުގައި، ތިޔަބޭފުޅުންގެ މަސައްކަތް އެތައް ގުނައަކަށް އިތުރުވެގެން ދިޔަކަން އަޅުގަނޑަށް އެނގޭ. ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ޢާންމު ރައްޔިތުން ގޭގައި ތިބިއިރު، މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އަދި ރައްޔިތުންގެ ގެދޮރާއި މުދާ ޙިމާޔަތްކުރުމުގައި، ތިޔަބޭފުޅުން ފުރާނަ އަތްމައްޗަށް ލައްވައިގެން، ޢާއިލާއާ ވަކިން، ކުރެއްވި މަސައްކަތަކީ، އަގުކުރެވޭ ވަރަށްވުރެ މާ މަތީ މާ އަގުބޮޑު މަސައްކަތްތަކެއް. އަދި މި އުނދަގޫ ޙާލަތުގައި، ޢާއިލާތަކާ ވަކިން ދިވެހި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި، ފުލުހުންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އަޅުގަނޑު ފާހަގަކުރަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި.

ރާއްޖެއިން ކޯވިޑް-19 ފެނުމާއެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ބިދޭސީންގެ މެދުގައި، މި ބަލި ފެތުރި، ކޮމިޔުނިޓީ ސްޕްރެޑެއް ފެށިދާނެތީ. ނަމަވެސް މާތްﷲގެ ރަޙްމަތްފުޅުން، އެ ޙާލަތު މެދުވެރި ނުވީ، ތޮއްޖެހިގެން އުޅެމުން ދިޔަ ބިދޭސީން، އެކި ތަންތަނަށް ބަދަލުކޮށް، ވަކި އުސޫލެއްގެ މަތިން ބެލެހެއްޓުމަށް، ފުލުހުން ކުރި ބުރަ މަސައްކަތުގެ ސަބަބުންކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. އެކަމަށްޓަކައި ދިވެހި ފުލުހުންނަށް އަޅުގަނޑު ސާބަހާއި އައްސަރިބަސް ރައްދުކުރަން.

ހަމައެއާއެކު، ކޯވިޑް-19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމާއި، ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމާއި، ހުރިހާ ރަށްރަށެއްގެ މޮނިޓަރިންގެ މަސައްކަތްތައް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން އަދި ރައްކާތެރި ކަމެއްވެސް ނޫންކަން އަޅުގަނޑަށް އެނގޭ. ކޯވިޑްއާ ގުޅިގެން، މިކުރެވުނު ހުރިހާ ބާވަތެއްގެ މަސައްކަތުގައި ފުލުހުން ބައިވެރިވެފައިވާކަން އަޅުގަނޑު މިއަދުވެސް ފާހަގަކުރަން.

މި ނުރައްކާތެރި ޙާލަތުގައިވެސް، ދިވެހި ފުލުހުންވަނީ، އެމީހުންގެ ޤައުމީ ވާޖިބު ވަރަށް ފުރިހަމައަށް އަދާކުރައްވާފައި. އެކަމަށްޓަކައި، ފުލުހުންގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ހުރިހާ ރޭންކުތަކުގެ އެންމެހައި ފުލުހުން ޝާމިލުވާ ގޮތަށް، ދިވެހި ރައްޔިތުންގެ ނަމުގައި، ދިވެހި ފުލުހުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ފުލުހުންގެ މަސައްކަތްތައް ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަދާކުރައްވާ ޙިކްމަތްތެރި ދައުރު ފާހަގަކޮށް، އެމަނިކުފާނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެފަދައިން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާނާއި، އެސިސްޓެންޓް ކޮމިޝަނަރުންނާއި، އެހެނިހެން އޮފިސަރުން އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، އެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! ތިޔަބޭފުޅުންގެ ޝިޢާރަކީ، ޙިމާޔަތް ކުރުމާއި ޚިދުމަތް ކުރުން. ޢަމަލީ ގޮތުން ތިޔަބޭފުޅުން ސާބިތުކޮށްދެއްވަމުން ތިޔަ ގެންދަވަނީ، އެ ޝިޢާރުގެ މަތީގައި ދިވެހި ފުލުހުން ދެމި ތިބިކަން. އެކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓޭނީ، ދިވެހި ފުލުހުންނަކީ، ތަޢުލީމާއި ތަމްރީން ލިބިފައިވާ، ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި ޙަރަކާތްތެރިވާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ދެމިތިބެގެން.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް