އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަސް "އަހަރެމެންގެ ޙައްލުތައް ވަނީ ޤުދުރަތީ ވެށީގަ"

ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަސް "އަހަރެމެންގެ ޙައްލުތައް ވަނީ ޤުދުރަތީ ވެށީގަ"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

މިއަދަކީ ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަހެވެ. ދިރޭތަކެތީގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުސަތު ހޯދައިދިނުމަށް ޔުނައިޓެޑް ނޭޝަންސް އިން މި ދުވަސް ފާހަގަ ކުރާތަ 10 އަހަރު ވީ އިރު، މި ދުވަހަކީ ކޮންމެ އަހަރަކު ތިމާވެއްޓަށް ލޯބި އިތުރުކޮށް، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ ފުރުސަތެކެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މި އަހަރުގެ ދިރޭތަކެތީގެ ދުވަސް ފާހަގަކުރަން ނިންމާފައިވަނީ އޮންލައިން ކޮށް، މީސް މީޑިއާ ޕްލެޓްފޯމްތަކުގައެވެ. ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމަށް މިފަހަރު ނިންމާފައިވަނީ "އަހަރެމެންގެ ޙައްލުތައް ވަނީ ޤުދުރަތީ ވެށީގައި" މި ޝިއާރުގެ މައްޗަށެވެ. އިންސާނުންގެ ހުރިހާ ކަމެއް ވަނީ އެހެނިހެން ދިރޭތަކެއްޗާއި ގުޅި ލާމެހިފައެވެ.  އަހަރެމެންނަށް ދިމާވާ ހުރިހާ މައްސަލައެއްގެ ހައްލު ޤުދުރަތުން ހޯދައި، ލިބިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިކަމުގެ އެންމެ ފުރިހަމަ މިސާލަކީ ބޭސްވެރިކަމެވެ. ބޭސްވެރިކަމަށް ބޭނުންކުރާ ބޭހާއި ވެކްސިން އީޖާދުކުރުމަށް ބޭނުންކުރަނީ ޤުދުރަތުން ހޯދައިގަންނަ މާއްދާތަކެވެ. ގަސްގަހާގެހީގެ ފަތާއި، މުލާއި، އޮށްތަކަކީ ސައިންޓިސްޓުން ބޭސްފަރުވާ އަށް ދިރާސާކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެއްޗެވެ.

ހަމައެއާއެކު، އިންސާނުންނާއި ޖަނަވާރުން ދިރިތިބުމަށް ބޭނުންވާ ފެނާއި ކާނާ އަދި ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދުނިޔޭގެ މޫސުން ދައުރު ވާ ގޮތާއި، ފެން ސާފުވުމުގެ ނިޒާމު ވަނީ ދިރޭތަކެއްޗަށް ބަރޯސާވެފައެވެ. އިންސާނުންގެ ހުރިހާ އަސާސީ ބޭނުމަކަށް ދިރޭތަކެތީގެ މުހިންމުކަން މިކަމުން ސާބިތުވެއެވެ. އެހެންކަމުން، ދިރޭތަކެތީގެ ނަސްލު ސަލާމަތްކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކުން ޢިބްރަތް ލިބިގަނެ، މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

ބައިނަލްއަޤުވާމީ ދިރޭތަކެތީގެ ދުވަސް ފާހަގަކުރާއިރު، ދިރޭތަކެއްޗަކީ ކޮބައިކަން ދެނެގަނެ، ދިރޭތަކެތީގެ ނަސްލު ދެމެހެއްޓޭނެ ގޮތްތައް ދެނެތުން މުހިންމެވެ. ދިރޭތަކެއްޗަކީ މާތް ﷲ ސުބްޙާނަހޫވަތަޢާލާ ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމަކާއި އެ ދިރުމެއްގެ ޤުދުރަތީ ވެއްޓެވެ. އިންސާނުންގެ ލޮލަށް ނުފެންނަ ކިތަންމެ ދިރުމެއް މީގައި ހިމެނެއެވެ. ބެކްޓީރިއާ، ފަންގައި، އަލްގީ ފަދަ ދިރުންތަކަކީ ދަނޑުވެރިކަމާއި، ކާނާ ބަންދުކުރުމާއި، ބޭސްވެރިކަމުގެ ދާއިރާގައި އިންސާނުންނަށް މުހިންމު ރޯލެއް އަދާކުރާ ދިރޭތަކެއްޗެވެ. މިފަދަ ދިރުންތަކުގެ ބެލެންސް ޤުދުރަތީ މާހައުލުގައި ހިފަހެއްޓޭނެ ގޮތްތައް ދެނެގަނެ، އެކަމަށް ހުރިހާ އެންމެން މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. މިގޮތުން، އެއްވެސް ދިރުމެއް ޒަރޫރީ ބޭނުމަށް ވުރެ އިތުރަށް ބޭނުންނުކުރުމާއި، އެފަދަ ދިރުންތަކުގެ ވެއްޓަށް ގޯނާ ނުކުރުމުގެ އިތުރުން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެއެވެ. ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކޮންމެ ފަރުދަކަށްވެސް އިސްނަގައިގެން މަސައްކަތް ކުރެވިދާނެއެވެ.  މިގޮތުން، އަމިއްލަ މޭވާ އަދި ތަރުކާރީ އިންދުމާއި، ތިމާވެއްޓަށް ގެއްލުން ނުދިނުމާއި، އެއްގަމު ދުއްވާ އުޅަނދުތަކަށް ބަރޯސާވުން ކުޑަކުރުމާއި، ބޭރުން އެތެރެކުރާ ކާނާ އަށް ވުރެ ބޮޑަށް ދަނޑުވެރިންގެ ވިޔަފާރީއަށް އެއްބާރުލުންދިނުމަކީ ކުރެވިދާނެ ކަންތަކެވެ.  

ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެއްޓަށް ލިބޭ ގެއްލުމެވެ. ގަސް ކެނޑުމާއި، މޫދަށާއި ޗަސް ބިންތަކަށް ކުނި އެޅުމާއި، ވައި ނުސާފު ވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ ދިރޭތަކެތި ނެތިދިޔުމުގެ މައިގަނޑު ސަބަބުތަކެވެ. ދިވެހި ރާއްޖޭއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ، ތިމާވެއްޓަށް އެހާމެ ބަރޯސާވާ ޤައުމެކެވެ. މި ޤައުމުގެ އިޤްތިސާދު ބިނާވެފައިވަނީ ތިމާވެށީގެ މައްޗަށެވެ. ދިވެހި ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ކަނޑުތަކުގެ މުއްސަނދިކަމަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައި ބަދައެވެ. އެހެންކަމުން، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކޮންމެ މީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަކީ މި ކަމަށް އޮތް ހައްލެވެ. ވަގުތު ފާއިތު ނުވަނީސް ދިރޭތަކެތީގެ މުހިންމުކަން ދެނެގަނެ، އެތަކެތި ހިމާޔަތްކޮށް، ކުރިޔަށް އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ވާޖިބެއްކަން ޔަޤީނެވެ.

 

 

- އެންވަޔަރަންމަންޓް މިނިސްޓްރީ

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު