އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ އަންހެން ދަރިފުޅު (ދެވަނަ ބައި)

ދެވަނަ އަންހެން ދަރިފުޅު (ދެވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

އައިމީ އާއިމެދު އަބަދުވެސް އޭނާގެ މައިންބަފައިން ތަފާތުކޮށް އަމަލުކުރާކަން އޭނާއަށް ފާހަގަވިއެވެ. އޭނާގެ ބޭބެމެންނަށާއި ޚާއްސަކޮށް ދައްތައަށް ކޮށްދޭ ކިތަންމެ ކަމެއް، އައިމީއަށް ނުކޮށްދޭކަން ވެސް އޭނާއަށް އެނގުނެވެ. ނަމަވެސް އައިމީ އެކަން ކަމަށް ހިތްވަރުކޮށް ކެތް ކުރިއެވެ. އެހެން އެކަން ވަނީ އާއިލާގައި ގިނަ މީހުން ތިބީމަކަމަށް ވެދާނެ ކަމަށާއި އައިމީ ރަނގަޅަށް އުޅުމުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް އޭނާ އުންމީދު ކުރިއެވެ. ސަކީނާއްތަވެސް އައިމީއަށް އަބަދުވެސް ވިސްނައިދެމުން ދިޔައީ އެފަދައިންނެވެ. 

ނަމަވެސް ދުވަހުން ދުވަހަކަށް އޭނާއަށް ލިބެމުން ދިޔައީ އަނިޔާއެވެ. ޚާއްސަކޮށް އޭނާގެ ބައްޕަގެ ފަރާތުންނެވެ. އައިމީގެ ބައްޕަ އޭނާއަށް އަނިޔާ ކުރަނީ، ނުވަތަ ރަހުމުކުޑަ ބަސްތައް ބުނަނީ ކީއްވެގެންކަން، ގިނަ ފަހަރަށް އައިމީ އަކަށް ވެސް ނޭނގެއެވެ. 

އެއްދުވަހުގެ ހަވީރުގެ ވަގުތެކެވެ. ފިލާވަޅު ހަދާ ފޮތް ކިޔުމަށްފަހު އައިމީ ދިޔައީ ކުޅޭށެވެ. ބޮޑުދައިތަގެ ދެ އަންހެން ކުދިން ކަމުގައިވާ ސިމަން އާއި ސަމާއާއެކު އައިމީ އުޅުނީ ގަނޑުފިއްލާ ކުޅޭށެވެ. ސިމަން ހުރީ މޫނުމަތީގައި އަތް އަޅައިގެން ދިހައަކާއި ހަމަައަށް ގުނަން ހުރިއިރު ސަމާއާއެކު އައިމީ ދިޔައީ ފިލާށެވެ. ފަތްޖެހި އެނދެއްގައި ބެޑުޝީޓެއް އަޅައިގެން ފިލާއޮވެ، ސިމަން ގުނަމުންދިޔަ އަޑުއަހަން އައިމީ ހެވިފައި އޮތެވެ. 

އަށަކާއި ހަމައަށް ގުނިފަހުން ކުއްލިއަކަށް ސިމަން ގުނުން ހުއްޓާލިއެވެ. އައިމީ ހައިރާންވިއެވެ. އެއްކޮށް ނުގުނާ އެތެރެއަށް ވަންނަނީބާއޭ ހިތައް އެރިތަނާހެން ކުއްލިއަކަށް މީހަކު ވަރަށް ބާރަށް ބެޑުޝީޓަށް ހިފާ ދަމައިގަތެވެ. އެއީ ކާކުތޯ އިސް އުފުލާ ބަލާލިއިރު، ވަރަށް ރުޅިއައިސްފައި އައިމީ އާއި ދިމާލަށް ބަލަހައްޓައިގެން އޭނާގެ ބައްޕަ ހުއްޓެވެ. 

ބައްޕަ އެންމެ ފުރަތަމަ ވެސް ހިފީ އައިމީގެ އިސްތަށިގަނޑުގައެވެ. އިސްތަށިގަނޑުގައި ހިފާ ދަމާ އެނދުން ވައްޓާލާފައި، އެއް އަތުގައި ހިފާ ދަމަމުން އެކޮޓަރިން ބޭރަށް ގެންދިޔައެވެ. އެއިރު ސިމަން އާއި ސަމާ ބިރުން އަދި ހަމްދަރުދީގެ ނަޒަރަކުން އައިމީ އާއި ދިމާލަށް ބަލަން ތިބިކަން އޭނާއަށް ފެނުނެވެ. މަދަދަށް އެދޭފަދަ ގޮތަކަށް އައިމީ ވެސް އެކުދިންނާއި ދިމާލަށް ބަލާލިއެވެ. 

ބައްޕަ އެފަދަ ގޮތަކަށް އައިމީ އާއި ދޭތެރޭ ކަންތައް ކުރަނީ ކީއްވެކަން އައިމީ އަށް ނުވިސްނުނު ކަމުގައިވިޔަސް، ކޮޓަރިއަށް ގެންދިޔުމާއެކު އޭނާއަށް އަނިޔާ ކުރަން ފަށާނެކަން އައިމީއަށް ވިސްނުނެވެ. އެއީ އޭގެ ކުރިން ވެސް އައިމީ އާމެދު އޭނާގެ ބައްޕަ އެފަދައިން ކަންތައް ކޮށްފައިވާތީއެވެ. އެހެންކަމުން އޭނާއަށް ލިބެން އުޅޭ އަނިޔާތަކާމެދު ވިސްނާފައި އެކުޑަކުޑަ ހިތް އިންތިހާއަށް ބިރުގަތެވެ. 

ކަންތައްތައްވީ ވެސް ހަމަ އައިމީއަށް ހީވި ފަދައިންނެވެ. ކޮޓަރިއަށް ގެންދިޔުމާއެކު ބައްޕަ އޭނާގެ ގައިގާ ތަޅަން ފެށިއެވެ. އަތުންނާއި ކޮޅުފައިން ވެސް ތެޅުމަށްފަހު "މިއީ ނުކިޔަވާ އަބަދު ކުޅެން ދުވާ އަންހެނެކޭ" ބުނެ ބައްޕަ ދިޔައީބަދިގޭގައި ރޮށިފިހެން ގެންގުޅޭ ލަކުޑި ދޭފަތް ބަލައެވެ. އައިމީ އިތުރަށް ބިރުގަތެވެ. ނޫނެކޭ ބައްޕާއޭ ތިހެން ނުހަދާށޭ ބުނެ އާދޭސް ކުރިއެވެ. ދުވަހަކު ވެސް ކުޅެން ނުދާނަމޭ ބުނެ ވައުދުވެސް ވިއެވެ.  

ނަމަވެސް އައިމީ ކުރި އެންމެ އާދޭހެއްގެ އަޑެއްވެސް އޭނާގެ ބައްޕަ ނޭހިއެވެ. ދޭފަތުން ތަޅަމުން ދިޔައިރު އެވަގުތު އެތަނުގައި އޭނާގެ މަންމައާއި ދައްތަގެ އިތުރުން ތިންވަނައަށް ހުންނަ ބޭބެ ވެސް ހުއްޓެވެ. އެންމެންވެސް ތިބީ ބިރުން ކަމެއް، ހަމްދަރުދީވެފަ ކަމެއް އައިމީ އަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާއަށް އެއްވެސް ވަރަކަށް މަދަދެއްނުވެ އެމީހުން އެތަނުގައި ކުޅި ބަލަން ތިބި ކަމެވެ. 

ދޭފަތް ބިންދައިގެން ދަންދެން އައިމީ ގައިގާ އޭނާގެ ބައްޕަ ތެޅިއެވެ. ދޭފަތް ބިންދައިގެން ދިޔުމުން، ފިލާވަޅު ދަސްނުކުރަނީސް އެކަކުވެސް އައިމީއަށް ކާން ނުދިނުމަށް ބުނެ އޭނާގެ ބައްޕަ އެތަނުން ދިޔައެވެ. 

ބަނޑުހައި ހޫނު ކަމުގައި އިނދެ އައިމީ ފިލާވަޅު ދަސްކުރިއެވެ. ނަމަވެސް އެފޮތުން ކިޔެވި އެންމެ އަކުރެއްވެސް، ފިއްޔެއްވެސް އޭނާއަކަށް ނުވިސްނުނެވެ. އެއަށްވުރެ އޭނާގެ ގައިގާ ރިއްސި ރިއްސުން މާބޮޑެވެ. ހިތައް ކޮށްފައި ހުރި އަސަރު ވެސް މާބޮޑެވެ. އޭނާގެ ހިތައް އެތައް ސުވާލުތަކެއް އަރަމުން ދިޔައެވެ. 

"މަންމަމެންގެ ކައިރީގައި ބައިންދައިގެން ދައްތައަށް ފިލާވަޅު ދަސްކޮށްދޭ ގޮތަށް، ނުވަތަ ކައިރި ގޭގެއަށް ފޮނުވައިގެން ދައްތަ އަށް ޓިއުޝަންދޭ ގޮތަށް އައިމީއަށް ނުދެނީ ކީއްވެ ހެއްޔެވެ؟ ދައްތަ ކިޔެވީމަ ފެންނަ ގޮތަށް އައިމީ ކިޔެވީމަ ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ދައްތަ ނުކިޔަވާ ކިތަންމެ ގިނައިރަކު ހުއްޓަސް އެކަން މައްސަލައަކަށް ނުވެފައި، އައިމީ ކެޑައިރުކޮޅަކަށް ކުޅެލަން ދިޔުން މައްސަލައަކަށް ވަނީ ކީއްވެ ހެއްޔެވެ؟ ދައްތައަށްވުރެ އައިމީ ކުޑަކޮށް ހުންނައިރު، ނިކަމެތިކޮށް ހުންނައިރު ވެސް އައިމީއަށް އެއަނިޔާތައް ކުރަނީ ކީއްވެ ހެއްޔެވެ؟ އަނިޔާ ކުރަނީ ކީއްވެ ހެއްޔެވެ؟" ސުވާލުތައް ހިތުގައި ވަޅުލައިގެން އިނދެ ފޮތް ކިޔަމުން އައިމީ ރޮމުން ގެންދިޔައެވެ. 

(އަދި ނުނިމޭ..)

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
20%
ރަނގަޅު
13%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ