އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިބަލީގަ އިޓަލީން މިހާރުވެސް ސައުވީސް ޑޮކްޓަރުން މަރުވެއްޖެ, އެކަމަކު ޒިއްމާ އަދާކުރަން އަހަރެން ބިރެއް ނުގަނޭ: އިޓަލީގަ ހުންނަ ދިވެހި ޑޮކްޓަރު

މިބަލީގަ އިޓަލީން މިހާރުވެސް ސައުވީސް ޑޮކްޓަރުން މަރުވެއްޖެ, އެކަމަކު ޒިއްމާ އަދާކުރަން އަހަރެން ބިރެއް ނުގަނޭ: އިޓަލީގަ ހުންނަ ދިވެހި ޑޮކްޓަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 57 ސިކުންތު

އެންމެންނަށް ވެސް އިނގޭނޭ ފަދައިން މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާތެރިކަމަކީ، ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކަލެވެ. ނޭވާލާންދަތިވެ، ހަށިގަނޑުގެ ދިފާއީ ނިޒާމުވެސް ބަލިކަށި ކޮށްލާ މިބަލީގައި މިހާރުވެސް އެތައްހާސް ބަޔަކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަރުވެގެން ގޮސްފައިވެއެވެ. އޭގެއިތުުރުން ކޮންމެ ދުވަހަކުހެން މިބަލި ޖެހިގެން ހޮސްޕިޓަލުތަކަށް ގެންދާ މީހުންގެ އަދަދު ބައެއް ޤައުމުތަކުގައި އަންނަނީ އިތުރުވަމުންނެވެ.

އެފަދަ އެއް ޤައުމަކީ އިޓަލީވިލާތެވެ. ރާއްޖެއާއި އަޅާބަލާއިރު، އިޓަލީއަކީ އިޤްތިސޯދީ ގޮތުން ވެސް އަދި އެހެނިހެން ގޮތްތަކުން ކުރިއަރާފައިވާ ޤައުމެކެވެ. ނަމަވެސް މިހާރު އިޓަލީއަކީ ކޮވިޑް-19 ޖެހިފައިވާ މީހުން އެންމެ ގިނަ އެއް ޤައުމުކަމުގައިވެސް ވަނީ ވެފައެވެ. މުޅި އިޓަލީގައި ވަށައިގެން ފެތުރިފައިވަނީ މިބަލީގެ ނުރައްކަލެވެ.

މިއީ މިފަދަ ނުރައްކަލެއްގެ ތެރޭގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޑޮކްޓަރެއްގެ ވާހަކައެވެ. އިންސާނިއްޔަތަށްޓަކައި ކޮންމެ ދުވަހަކުމެ އޭނާ ކުރަމުން އަންނަ މަސައްކަތެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން އޭނާ ޔޫރަޕަށް ދިޔައީ ޑޮކްޓަރެއްގެ ގޮތުގައި ރާއްޖޭގައިވެސް މަސައްކަތް ކުރުމަށްފަހު އިތުރަށް ކިޔެވުމަށެވެ. ކިޔަވަމުން ލަންޑަންގައި ވެސް މަސައްކަތް ކުރުމަށްފަހު ދިޔައީ އިޓަލީ އަށެވެ. ކިޔެވުން ފުރިހަމަ ވެސް ކުރުމަށްފަހު އެ ޑޮކްޓަރ އިޓަލީގައި މަސައްކަތް ކުރާތާވެސް މިހާރު ފަސް އަހަރު ވެއްޖެއެވެ.

               

ރޮވީގޯ ހޮސްޕިޓަލުގައި މިހާރު މަސައްކަތް ކުރަމުން އަންނަ އެޑޮކްޓަރ ނަންހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިޓަލީގައި މިހާރު ކޮންމެވެސް ވަރަކަށް މިބަލި ޖެހެމުން އަންނަ މީހުން މަދުވެފައިވާ ކަމަށެވެ.

"އަހަރެން މަސައްކަތްކުރަނީ އިޓަލީގެ އުތުރު ފަރާތުގަ. މިތަނުގައި މިހާރު މިބަލި ފެންނަމުން އަންނަ މީހުންގެ އަދަދު ކުރިޔާ ބަލާފަ އަންނަނީ ވަރަށް މަދުވަމުން. ވެދާނެ ލޮކްޑައުންގެ ސަބަބުން ކަމަށް ވެސް. އެކަމަކު އިޓަލީގެ ދެކުނު ފަރާތުގަ އަދިވެސް މިބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން" ޑރ. ވިދާޅުވިއެވެ.

އިޓަލީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދުވަހުން ދުވަހަކަށް ކުރަމުން އަންނަ މަސައްކަތްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ސިސިލީ އައިލެންޑް މިހާރު އެއްކޮށް ބަންދުކޮށްފައިވާއިރު ރޮވީގޯ ގައިވެސް ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ. މަގުތައްމަތީގައި މީހުން ނިކުމެ އުޅޭތޯ ބެލުމަށް އިއްޔެ އިޓަލީ ފުލުހުން ވަނީ ޑްރޯން ވެސް ބޭނުން ކޮށްފައެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނަަށް ކަމަށް އެޑޮކްޓަރުވެސް ބުނެފައިވެއެވެ.

"އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމް ބަލިކަށިވުމުން، އެމީހުންނަށް މިބާލީގައި ކުރާ އަސަރު ވަރަށް ބޮޑު. އެކަމަކު އަހަރުމެން ވިސްނައިގެން ނުވާނެ މިބަލި ޖެހޭނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ކަމަކަށް. ޒުވާނުންނަށްވެސް ޖެހޭ، އަދި މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވެސް މިބަލި ޖެހިއްޖެނަމަ ވާވަރު ވަރަށް ބޮޑު. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ފުއްޕާމޭ ހުންނާނީ މާކުރިންވެސް ބަލިކަށިވެފަ، މިބައްޔަކީ ފުއްޕާމެއަށް ބޮޑަށް އަސަރުކުރާ ބައްޔެއްވީމަ އެފަދަ މީހުންނަށް މިއީ ވަރަށް ނުރައްކާތެރި ކަމެއް" ޑރ. ވިދާޅުވިއެވެ.

އުތުރު އިޓަލީގެ ހުރިހާ ހޮސްޕިޓަލެއް ވެސް މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ފުރިފައެވެ. އައިސީޔޫތައް ފުރިފައިވުމުން އިއްޔަވެސް ހަ ބަލިމީހަކު ޖަރުމަނަށް ފޮނުވާލާފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އާއިލާގާތަށް ޗުއްޓީއަށް ރާއްޖެއަންނަން ތައްޔާރުވަމުން ދަނިކޮށް، އިޓަލީގައި މިބަލި ފެތުރެން ފަށައިފިކަން އެނގުމުން، ދެން އެޑޮކްޓަރު ނިންމީ އޭނާގެ ވަޒީފާގައި އަދި އިންސާނިއްޔަތަށްޓަކައި ނިންމަން އެންމެ ރަނގަޅު ނިންމުމެވެ.

"އެއްވެސް އިރަކު ހިތަކަށް ނާރާ، މިބަލީ އެންމެ ފުރަތަމަވެސް އިޓަލީން ފެނުމުން، އަވަހަށް ދެން ރާއްޖެ ދާންވީ އެކޭ. އޭރުންް ޑޮކްޓަރެއް ބަލިމީހުންތަކެއް ދޫކޮށްލާފަ ފިލީކަމަށްދޯ ވާނީ ވެސް. އޭރުން ޑޮކްޓަރަކަށް ވުމަށް އަހަރެން ކުރި ހުވަޔާއި ޚިލާފު އެވެވެނީ. ރާއްޖޭ ސަރުކާރުން މިބަލި ރާއްޖޭގައި ބޮޑަށް ފެތުރުނަ ނުދޭން ކުރަމުން އަންނަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް. މިވަގުތު ރާއްޖެއަށްވުރެ ބޮޑަށް އަހަރެންގެ އެހީތެރިކަން ބޮޑަށް ބޭނުން ޖެހިފަ ހުރީ އިޓަލީއަށް. އެހެން ނޫނަސް މިވަގުތު އަހަރެން ރާއްޖެ ގޮސްފިނަމަ، އަހަންނަކީ މިވައިރަސް ހިފައިގެން ރާއްޖެދާ މީހަކަށްވެސް ވެދާނެ. އަހަރެން ބޭނުމެއް ނޫން އެވަރު ބޮޑު ރިސްކަކަށް އަހަރެންގެ އާއިލާއާއި އެހެން އެއްވެސް މީހަކުވެސް ވައްޓާލާކަށް" ޑޮކްޓަރ ވިދާޅުވިއެވެ.

ދިވެހި އެޑޮކްޓަރ ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހިފައިވާ އެތައް ބަޔަކު އެމީހުންގެ އާއިލާއާއި ވެސް ބައްދަލުނުވެ މިދުނިޔެ ދޫކޮށްފައިދެއެވެ.

"ވަރަށް ހިތާމަވެރި މަންޒަރެއް އެއީ. ނަމަވެސް މިއީ ފަސޭހައިން އެކަކު އަނެކަކުގެ ގަޔަށް އަރާފާނެ ބައްޔެއްކަމުން އަހަރުމެންނަށް ޖެހޭ މިބަލި ޖެހޭ މީހުން އެކަހެރި ކުރަން. މިދުވަސްކޮޅު އެހެންވެ އަސްލު އެކަކުވެސް ގެއިން ބޭރަށް ނުނިކުމެ ގޭތެރޭގައި ތިބެންވީ. ދިވެހިންގާތުވެސް އަހަރެން އެދޭ ކަމަކީ އެއީ. ގޭގައި މިދުވަސްކޮޅު މަޑު ކޮށްލުމަށް. ކޮފީތަކަށާއި ތަންތަނަށް މިދުވަސްކޮޅު ނުގޮސް، ސަރުކާރާއި ކަމާއިބެހޭ ފަރާތްތައް ދެއްވާ އިރުޝާދުތައް އަޑު އަހައިގެން ގޭގައި ތިބުން ބުއްދިވެރި. ދިވެހި ސަރުކާރުން މިކަމާއިމެދު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވަރަށް ވެސް ރަނގަޅު. ސަރުކާރުގެ ނިންމުންތަކަށް ތައުރީފުކުރަން. އެކަމަކު، މިދުވަސްކޮޅު ފަތުރުވެރިން ޤައުމަށް ނުގެނެސް މަޑުކޮށްލުން ރަނގަޅުކަމަށް ވެސް ދެކެން"  ޑޮކްޓަރ ވިދާޅުވިއެވެ.

މިފަދަ ނުރައްކާތެރިކަމެއްގެ ތެރޭގައި ދިވެހި އެޑޮކްޓަރ ހުންނަން ޖެހުން ކަމުގައިވިޔަސް އޭނާ އެކަމާއި ހާހެއް ނުވެއެވެ.

"އަހަރެން އަހަރެންގެ ވަޒީފާދެކެ ލޯބިވޭ. ބަލިމީހުންނަށް އެހީތެރިވެދީ އެމީހުންނަށް ފަރުވާ ކުރުމުގައި ދެމިހުރުމަކީ އަހަންނަށް ލިބޭ އުފަލެއް، އަދި ވަރަށް ބޮޑު ޝަރަފެއް. މިބަލީގައި އިޓަލީން މިހާރުވެސް 24 ޑޮކްޓަރުން މަރުވެއްޖެ، އަހަރެން ބިރެއް ނުގަނޭ. ބަލިމީހުންނަށް ފަރުވާ ކުރުމުގަ ދެމިހުންނާނަން އިން-ޝާ ﷲ. އެކަމަކު ކޮވިޑް-19 ގެ ނުރައްކަލުން އިޓަލީ އާއި މުޅި ދުނިޔެވެސް ސަލާމަތްވިހާ އަވަހަކަށް އެންމެ ފުރަތަމަވެސް އަހަރެންދާނީ އެނބުރި ރާއްޖެއަށް، އަހަރެންގެ އާއިލާގާތަށް" ބަސްދީގަތުން ނިންމާލަމުން އެޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރާއިމެދު އޭނާގެ އާއިލާއިންވެސް ހުރީ ވަރަށް ހާސްވެފައެވެ. އެގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން އެޑޮކްޓަރުގެ އާއިލާ މެމްބަރަކު ބުނެފައިވަނީ އެފަދަ ބޮޑު ނުރައްކަލެއްގެ ތެރޭގައި ޑޮކްޓަރު އުޅޭތީ އިންތިހާއަށް ހާސްވާ ކަމަށާއި ނަމަވެސް ޑޮކްޓަރު ކުރާ ކޮންމެ ކަމެއް ވެސް އަދި މިހާތަނަށް ވެސް ކޮށްފައިވަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށްވުމުން، ޑޮކްޓަރުގެ އެނިންމުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ.

"ހާސްވޭ ވަރަށް ބޮޑަށް. އެކަމަކު އިންސާނިއްޔަތަށްޓަކައި އެކުރާ މަސައްކަތަށްޓަކައި ފަޚުރުވެރިވެސްވޭ. އަހަރުމެންގެ ދުޢާ އަކީ މިކަންތައްގަނޑު ވީއެންމެ އަވަހަކަށް ނިމި، އަހަރުމެންގާތަށް ހެޔޮހާލުގައިހުރެ އޭނާ އެނބުރި އައުން. އޭނާއަކީ އަބަދުވެސް އަމިއްލަ ނަފްސަށްވުރެ ބޮޑަށް އެހެންމީހުން އިސްކޮށް ނަގާ މީހެއް. އެހެންވެ އަހަރުމެން އޭނާއާއިމެދު ފަޚުރުވެރިވަން އަބަދުވެސް" އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އާރޓިކަލް ރޭޓްކުރައްވާ


24%
ވ.ރަނގަޅު
13%
ރަނގަޅު
27%
އޯކޭ
34%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ