އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދު ހުއްޓާލުމާއި ގުޅިގެން އުފެދިފައިވާ ބައެއް ސުވާލުތަކުގެ ޖަވާބު!: ޑރ. އިޔާޟް

ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދު ހުއްޓާލުމާއި ގުޅިގެން އުފެދިފައިވާ ބައެއް ސުވާލުތަކުގެ ޖަވާބު!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ސުވާލު: ކޮރޯނާ ވައިރަސްގެ ސަބަބުން ހުކުރު ނަމާދާއި ޖަމާޢަތުގެ ނަމާދު ދޫކޮށްލެވިދާނެތޯ؟

ޖަވާބު: އިސްލާމީ ޝަރީޢަތުގެ މަގްޞަދުތަކަށް ބަލާއިރު، ފުރާނައަށް ގެއްލުންވެދާނެ ފަދަ ނުރައްކާތެރި ވަބާއެއް ޢާއްމުވެފައިވާ ޙާލަތުގައި ޖަމާޢަތުގެ ނަމާދާއި ހުކުރު ނަމާދު ދޫކޮށްލުމުގެ ރުޚްޞަތު (ލުއިކަން) ވަނީ ދެއްވާފައެވެ. ދަތި އުނދަގުލަކަށްވެދާނެތީވެ، ވިއްސާރަވުމުގެ ސަބަބުން ޖަމާޢަތްދޫކޮށްލާ ގޭގައި ނަމާދު ކުރުމުގެ ރުޚްޞަތުވަނީ ދެއްވާފައެވެ. އެއީ ނަފްސަށް އަނިޔާ އެއް ވެދާނެތީވެ އެއް ނޫނެވެ. ވީމާ، ނަފްސަށް ގެއްލުމެއްދީ ހަލާކުކޮށްލަފާނެ ކަމަކުން ސަލާމަތްވުން މާބޮޑަށްވެސް އައުލާކަން ބޮޑެވެ. މަޞްލަޙަތެއް ހޯދުމަށްވުރެ ލިބިދާނެ ގެއްލުމަކުން ދުރުހެލިވުން އިސްކުރުން އެއީ ފިގްހީ ގާޢިދާ އެކެވެ.

މި ޙާލަތުގައިވެސް މިސްކިތުގައި ބަންގި ގޮވުން ކުރިއަށް ގެންދަންވާނެއެވެ. މި ޙާލަތުގައި ބަންގީގައި "ޙައްޔަ ޢަލައްޞަލާތި، ޙައްޔަ ޢަލަލް ފަލާޙް" ގެ ބަދަލުގައި "ޞައްލޫ ފީ ރިޙާލިކުން" (ތިޔަބައިމީހުން ގޭގައި ނަމާދު ކުރާށެވެ.) ކިޔަންވާނެއެވެ.

މި ޙާލަތުގައިވެސް ހެނދުނާއި ހަވީރުގެ ޛިކްރުތަކަށް ރައްކާތެރިވުމާއި ގިނަގިނައިން އިސްތިޣްފާރުކޮށް (ފާފަ ފުއްސެވުން ދެއްވުން އެދި ދުޢާ ކުރުން) ގުރްއާން ކިޔެވުން ގިނަކުރަންވާނެއެވެ. އިންޝާﷲ ދާދި އަވަހަށް މިވަބާ އިން އަޅުގަޑުމެން އެންމެން ސަލާމަތްކޮށްދެއްވާނެ. وبالله التوفيق.

ބަންގި އަށް "ޞައްލޫ ފީ ރިޙާލިކުން" އިތުރު ކުރުމުގައި ތިން ގޮތެއް ވެއެވެ. އެއީ:

 

1. ބަންގީގައި "ޙައްޔަ ޢަލައްޞަލާތި، ޙައްޔަ ޢަލަލް ފަލާޙް" ކިޔުމުގެ ބަދަލުގައި "ޞައްލޫ ފީ ރިޙާލިކުމް"، ދެން އެއަށް ފަހު ބަންގީގެ ބާކީ ބައި ފުރިހަމަ ކުރުން.

2. ބަންގީގައި "ޙައްޔަ ޢަލައްޞަލާތި، ޙައްޔަ ޢަލަލް ފަލާޙް" ކިޔުމަށްފަހު "ޞައްލޫ ފީ ރިޙާލިކުމް" ކިޔާފައި، ބަންގީގެ ބާކީ ބައި ފުރިހަމަ ކުރުން.

3. ޢާއްމު ކޮށް ބަންގި ގޮވާ ގޮތަށް ގޮވާ ނިމިގެން "ޞައްލޫ ފީ ރިޙާލިކުމް، ޞައްލޫ ފީ ރިޙާލިކުމް" މިފަދައިން ކިޔުން.

މި ތިން ގޮތަކީވެސް ހުއްދަވެގެންވާ ތިން ގޮތެވެ. ނަމަވެސް، މިވަގުތު އިސްލާމިކް މިނިސްޓްރީ އިން އަންގަވާފައިވަނީ މި ތިން ގޮތުންކުރެ އެއް ގޮތަށް (ބަންގި ނިމިގެން "ޞައްލޫ ފީ ރިޙާލިކުމް، ޞައްލޫ ފީ ރިޙާލިކުމް" ކިޔުމަށް) ކަމަށްވާތީވެ، އެގޮތަށް ޢަމަލު ކުރުމަށް އެންމެ ފަރާތްތަކަށް ނަޞޭޙަތްތެރިވަމެވެ. އިޖްތިހާދީ މައްސަލަތަކުގައި އަދި އެއް ގޮތަށްވުރެ ގިނަ ގޮތްތައް ހުއްދަ ކަންތަކުގައި، ވަކި ގޮތަކަށް ކަންތައް ކުރުމަށް ޙާކިމާ ކަނޑައެޅުމާއި އެކު އެގޮތަށް ޢަމަލު ކުރުމަކީ ދީނުގައި އޮންނަ ގޮތެވެ. والله أعلم.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

އާރޓިކަލް ރޭޓްކުރައްވާ


27%
ވ.ރަނގަޅު
18%
ރަނގަޅު
18%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް