އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ދިރާސާކުރާ ރިޔާސީ ކޮމިޝަނުން މިހާތަނަށް ކުރީ ކޮންކަމެއް؟

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ދިރާސާކުރާ ރިޔާސީ ކޮމިޝަނުން މިހާތަނަށް ކުރީ ކޮންކަމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 37 ސިކުންތު

2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު، ހުވާ ކުރައްވާ އެދުވަހު ދެއްކެވި ވާހަކަފުޅުތަކުގައި ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވައުދުފުޅަކީ، ރާއްޖޭގައި އެއިރު "ވީނުވީއެއް ނޭނގި ގެއްލިފައިވާ" އަދި "ގޮތް ނޭނގޭ މަރުތަކުގެ" މައްސަލަތައް އަލުން ތަހުގީގުކޮށް ބެއްލެވުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާނެކަމުގެ ވައުދުފުޅެވެ.

އެވައުދުފުޅު ވެގެންދިޔައީ، އެތައް އާއިލާތަކެއްގެ އުންމީދު އަލުން އާލާވެ، އުފާވެރިކަން ގެނެސްދިން ވައުދުފުޅަކަށެވެ. ކޮމިޝަން އެކުލެވި އެކޮމިޝަނަށް ރައީސްއަކާއި މެމްބަރުންތަކެއް ވެސް އެކުލަވާލެވުނެވެ. އަދި އެކޮމިޝަނުން ބަލަން އެދޭ މައްސަލަތައް ހުށަހެޅުމަށް މުއްދަތެއްވެސް ކަނޑައެޅުނެވެ. މުއްދަތުގެ ތެރޭގައި އެކޮމިޝަނުން ބަލާ ތަހުގީގު ކުރުމަށް ޖުމްލަ 24 މައްސަލައެއް، 31 ޑިސެމްބަރ 2018 ގެ ނިޔަލަށް ހުށަހެޅުނެވެ. އެއީ:

· ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ

· އެމްއެމްއޭ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އިބްރާހިމް އާގިލް މަރާލި މައްސަލަ

· 2014 ވަނަ އަހަރު ހިނގާފައިވާ މަރުގެ މައްސަލައެއް

· ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އުމުރުން 14 އަހަރުގެ އަހުމަދު ވިޝާލްގެ މަރުގެ މައްސަލަ

· ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރާލި މައްސަލަ

· ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ މަރުގެ މައްސަލަ

· ހ. ފިލިކުރިގޭ މޫސާ ނައީމް ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވަނިކޮށް ކުއްލިއަކަށް މަރުވި މައްސަލަ

· ގ. ފެހިމާގޭ އަލީ އަބްދުﷲ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި މައްސަލަ

· ދ. ކުޑަހުވަދޫ އަބްދުﷲ މާހިލް ގެއްލިފައިވާ މައްސަލަ

· ރައުދާ އާތިފްގެ މަރުގެ މައްސަލަ

· ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލަ

· ފުވައްމުލައް ސިޓީ އޮޅުތެރޭގޭ މުހައްމަދު ޝަފީއު އިބްރާހިމް ގެއްލިފައިވާ މައްސަލަ

· ހއ. ތަކަންދޫ ޖަނަވަރީގޭ އަބްދުއްޝަކޫރު އަބްދުﷲ މަރުވި މައްސަލަ

· ރ. އުނގޫފާރު ގުލްފާމްގޭ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލަ

· ސ. ފޭދޫ ޗަބޭލީގޭ އާމީން ރަޝީދު މަރާލި މައްސަލަ

· ހ. އޮގަސްޓާ އަހުމަދު ނަޒީފް ޝައުކަތު އަޑު ޕާކް ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މައްސަލަ

· މ. މާކަރީ މުހައްމަދު ޝަހުދުގެ މަރުގެ މައްސަލަ

· މާލެ، ހާބަރު ޅިޔަނު ކެފޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ މަރާލި މައްސަލަ

· ލ. މުންޑޫ ނޫރުވިލް އަލީ ޒިޔަދަމްއަށް ހަމަލާދީ މަރާލި މައްސަލަ

· 2016 ވަނަ އަހަރު މާލޭގައި ހިނގާފައިވާ މަރުގެ ދެ މައްސަލައެއް

· ހ. ހަންޑްރެޑް ފްލާވާ އަހުމަދު ޖައިލަމް ޝާކިރު މަރާލި މައްސަލަ

· ފުވައްމުލައް ސިޓީ ދޫނޑިގަމް އަވަށު، ނާޝިދު މޫސާގެ މަރުގެ މައްސަލަ

· ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ އަހުމަދު މިޝްފާގު ގެއްލިފައިވާ މައްސަލަ

· 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ފަސް މަހުގެ ކުއްޖަކު މަރުވި މައްސަލަ 

މިމައްސަލަތަކުގެ ތަހުގީގު އެއިރު ބާރު ސްޕީޑުގައި ފެށިގެން ކުރިއަށް ދިޔައެވެ. އެއިރު އެމަސައްކަތައް އެއުޅުނު ހަމައެކަނި ބޮޑު ހަރަހެއްކަމުގައި ބެލެވުނީ ރިޔާސީ ކޮމިޝަންތަކަށް ޤާނުނީ ބާރުވެރިކަންދޭ ބިލު، 18ވަނަ ރައްޔިތުންގެ މަޖިލިހުން ފާސްނުވެ އެދައުރު ނިމުމެވެ. އެގޮތުން ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދް 19 މާރޗް 2019 ގައި ވިދާޅުވީ، ހުށަހެޅުނު 24 މައްސަލައިގެ ތެރެއިން އެއިރުވެސް ބައެއް މައްސަލަތައް ބަލާ ނިމިފައިވާ ކަމަށާއި ނަމަވެސް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ނުލިބުމުގެ ސަބަބުން ދަތިތަކާ ދިމާވާ ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅޭނީ އެ މައްސަލަ ބަލާ އިދާރާއަކަށް ދިން ބަޔާން އެކަނި ކަމަށްވާތީ ކަމަށާއި ނަމަވެސް ބަލައި ނިމިފައި ހުރި މައްސަލަތަކުގައި ކުރިއަށްދާނެ ވަކި ގޮތެއް އެއިރު ނުނިންމަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ބިލު ފާސް ކުރެވުމުގެ ކުރިން މަޖިލިސް ނިމުމުން، އެއިރުގެ މަޖިލިހަށް ގިނަ ބައެއްގެ ނުރުހުން އިންތިހާއަށް ލިބުނެވެ. ނަމަވެސް 19 ވަނަ މަޖިލިސް އައުމަށްފަހު ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ އެބިލް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް 12 ޖޫން 2019 ވަނަ ދުވަހު ފޮނުވިއެވެ. އަދި ހަމަ އެމަހުގެ 19 ވަނަ ދުވަހު، 67 މެމްބަރުންގެ އަގުލަބިއްޔަތުން އެބިލު ވަނީ ރައްޔިތުންގެ މަޖިލިހުންވަނީ ފާސްކޮށްފައެވެ.

ރިޔާސީ ކޮމިޝަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮން ޖެހުން ފިލައިގެން ދިޔުމުން، އެކޮމިޝަނާއި މިސަރުކާރާއިމެދު ރައްޔިތުން ކުރަމުންދިޔަ އުންމީދު އަނެއްކާވެސް އާލާވެގެން ދިޔައެވެ. ބައެއް މައްސަލަތައް ބަލަންފަށާއި އެމައްސަލައިގައި އެކިއެކި މީހުންނާއި ސުވާލުކުރެވުނު ކަމަށް ވެސް ކޮމިޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.

ރިޔާސީ ކޮމިޝަނުން އެއިރު ބަލާ ނިމުނުކަމަށް ބުނި އެއް މައްސަލައަކީ، މުޅި ރާއްޖެ ސިއްސުވާލި އެއް ހާދިސާ ކަމުގައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައެވެ. އެހަދިސާގެ ތަފްސީލު އާއްމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ ރިލްވާންވަނީ މަރާލާފައި ކަމަށާއި އޭނާ މަރާލީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު، އޭނާ ހުޅުމާލެއިން ވަގަށް ނަގައިގެން ހުޅުމާލެއަށް ގެންގޮސް ގަދަކަމުން ރަތް ކާރަކަށް އަރުވައިގެން ބަނދަރަކަށް ގެންގޮސް، ޑިންގީއެއްގައި ކަނޑަށް ގޮސް އޭނާއަށް ޝަހާދަތް ކިޔައިދިނުމަށްފަހު، ރިލްވާންގެ ކަރު ބުރިކޮށްލައިގެން ކަމަށެވެ.

ރިލްވާންގެ ވަގަށް ނަގައި މަރާލި ގޮތުގެ ތަހުގީގީ ރިޕޯޓު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ކޮމިޝަންގެ ރައީސް އެރުއްވިއެވެ. ޕީޖީ ލީޑަރުންނާއި ވެސް މަޖިލިސް ރައީސް އެރިޕޯޓު ހިއްސާ ކުރެއްވުމަށްފަހު، އޭގައި ތަހުގީގަށް ބަޔާންދިން ސިއްރު ހެކިންގެ މައުލޫމާތު ހުރުމުން 3 ސެޕްޓެމްބަރ 2019 ވަނަ ދުވަހު އަލުން އަތުލެއްވިއެވެ.

ރިލްވާންގެ އިތުރުން މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލަ ވެސް ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް އެމައްސަލަތަކުގެ ތަފްސީލެއްވެސް ވިދާޅުވިއެވެ. އެއީ ވެސް ދީނީ ގޮތުން އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ސަބަބުން ދިން ހަމަލާއެއް ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ހާމަ ކޮށްފައެވެ. ޑރ. އަފްރާޝީމް އަލީ، އަހުމަދު ރިލްވާން އަބްދުﷲ އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ރިޔާސީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ރިޔާސީ ކޮމިޝަނަށް ފޮނުއްވުމުން، ތަހުގީގު އިތުރަށް ފުރިހަމަ ކުރެއްވުމަށް އެންގުމަށްފަހު 31 ޑިސެމްބަރ 2019 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ އެމައްސަލަތައް އަނބުރާ ފޮނުވާލާފައެވެ.

އެނގިފައިވާ ގޮތުގައި މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އަނިޔާވެރިކޮށް މަރާލި ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝިލް އަލީ އަވަހާރަކޮށްލުމާއި، މިނިވަން ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލުމުގެ އިތުުރުން ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން މުޙައްމަދު މަޒީދާއި ސާމިތު މުޙައްމަދު ގެ މައްޗަށެވެ. މަޒީދާއި ސާމިތު އަކީ މިތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.

މީގެއިތުރުން ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން މަރު ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ކުރިގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. ނަމަވެސް އެ ތިން މައްސަލައިގައި ވެސް ދައުވާ ކޮށްނުދީ ޕީޖީން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ތަހުގީގު ފުރިހަމަ ކުރުމަށް ފޮނުވީ މަޒީދާއި ސާމިތުގެ މައްސަލައެވެ. ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކޮށްފައި ނުވަނީ ފުލުސް އޮފީހަށް ހުށަހަޅައިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލަތަކުގެ ހާލަތު މިހިސާބަށް އައިސްފައިވާއިރު، ރިޔާސީ ކޮމިޝަނުގެ ތަހުގީގުތަކާއިމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދާ ނުރުހުންފާޅު ކުރަމުންނެވެ. ޚާއްސަކޮށް، އެކޮމިޝަނުން ތަހުގީގުކޮށް ނިންމުމަށް ހަވާލުވި އެއްވެސް މައްސަލައެއް އަދި މިހާތަނަށް އެއްވެސް ކޮޅަކުން ކޮޅެއްގަ ނުޖެހި ހުރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓާރ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ރަހުމްކުޑަ ގޮތަކަށް މަރާލި ރ. މީދޫ މުޙައްމަދު އަނަސްގެ މަރުގެ މައްސަލަވެސް އަދި ވަނީ ނުނިމިއެވެ. އެމައްސަލައިގައި ހަތް މީހަކަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވިއެވެ. އެއީ މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، ލ. ގަން ތުނޑީ ނަންރީތިގޭ ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓްލައިޓް ހަސަން މަސްއޫދާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ އިތުރުން މ. ލޮނުމިދިލިގެ އަފްރާހް ޢަބްދުލްރައްޒާގާއި ތ.ކިނބިދޫ ގުލްފާމުގެ މުއްހަމަދު ސާޒް އެވެ. މިމީހުން ހައްޔަރުކުރި ކަމުގައި ވިޔަސް މިމައްސަލަ މިހާރުވީ ކިހާހިސާބެއްގައި ކަމެއް އަދި ނޭނގެއެވެ. އަނަސް އަށް އިންސާފު ލިބޭނެ ދުވަހަކަށް މިއަދުވެސް އޭނާގެ އާއިލާ ތިބީ އިންތިޒާރުގައެވެ.

ގެއްލުވާލާފައިވާ މީހުންގެ މައްސަލައަށް ބަލާއިރު، ޏ. ފުވައްމުލައް/ދޫޑިގަން އޮޅުތެރޭގޭ މުޙައްމަދު ޝަފީއު، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރެއިން ފެށިގެން، ގެއްލުނު މައްސަލަވެސް އަދިވެސްވަނީ ވަކި ކޮޅެއްގައި ނުޖެހިއެވެ. އެންމެ ފަހުންވެސް އެނގިފައިވަނީ އެމައްސަލައިގައި ޝަފީއުގެ އަންހެނުން އައިޝަތު ނަޝީދާއާއި ކޮމިޝަނުން ސުވާލު ކޮށްފައިވާ ކަމެވެ. އެއީ މިިދިޔަ އަހަރުގެ 27 އޮކްޓޯބަރ ވީ އާދީއްތަ ދުވަހާއި 28 އޮކްޓޯބަރ ވީ ހޯމަ ދުވަހުއެވެ.

ރިޔާސީ ކޮމިޝަނުން މިއަދާއި ހަމައަށް އައިއިރުވެސް އެއްވެސް މައްސަލައެއް، އެދެވޭ ރަނގަޅުގޮތަކަށް ބެލިފައި ނުވުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމުގައި ގިނަ މީހުން ދެކެއެވެ. އަދި މިހާރު އެކޮމިޝަންގެ އެއްވެސް ޚަބަރެއް ނުވުމުން، ގިނަ ރައްޔިތުން އަނެއްކާވެސް ތިބީ މާޔޫސްވެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
16%
ރަނގަޅު
16%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ