އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންވަނީ ރިސޯޓުގަ ދެންތިބި ދިވެހި މުވައްޒިފުންގެ ހައްޤުތައް ވެސް ހޯދައިދޭން، އެމީހުން ތިބީ ވަރަށް ހާލުގަ: ޝިމްހާޒް

ބޭނުންވަނީ ރިސޯޓުގަ ދެންތިބި ދިވެހި މުވައްޒިފުންގެ ހައްޤުތައް ވެސް ހޯދައިދޭން، އެމީހުން ތިބީ ވަރަށް ހާލުގަ: ޝިމްހާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 59 ސިކުންތު

ސާވިސް ޗާޖަށް ދެނީ މަދު ފައިސާ ކޮޅެއް ކަމަށް ބުނެ ފޭސްބުކް ޕޭޖަކަށް މައުލޫމާތު ދިންކަމުގެ ތުހުމަތުގައި ހދ. ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކިކުރި، ތ. ގުރައިދޫ އަށް ނިސްބަތްވާ އަހްމަދު ޝިމްހާޒް އިބްރާހިމް، އެމައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި އެރިސޯޓުގައި މަސައްކަތް ކުރާ ދެންތިބި 17 ދިވެހި މުވައްޒިފުންނަށް ވެސް ޙައްޤު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ބުނެފިއެވެ.

އޭނާ ވަޒީފާއިން ވަކިކުރި ގޮތުގެ ތަފްސީލެއް "މިއަދުނޫހަށް" ކިޔައިދެމުން ޝިމްހާޒް ބުނީ، އޭނާއާއިމެދު އެރިސޯޓުން ޢަމަލު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އެންމެ ފުރަތަމަ ވެސް އޭނާ ބޭނުންވަނީ އިންސާފު ލިބުން ކަމަށެވެ.

ޝިމްހާޒް ބުނި ގޮތުގައި "ރިސޯޓް ބޯއިސް މޯލްޑިވްސް" ނަމަކަށް ކިޔާ ފެސްބުކް ޕޭޖަކަށް ހޮނޑާފުށި ރިސޯޓާއިބެހޭ ގޮތުން މައުލޫމާތު ދޭކަމަށް ބުނެ، އެރިސޯޓުގެ ޖެނެރަލް މެނޭޖަރ ޕެޓްރިކް ވަނީ، އޭނާ ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ބުނެފައެވެ.

           

"އިއްޔަ ޑިއުޓީގަ ހުއްޓާ އެޗްއާރް މެނޭޖަރ ގުޅާފަ ބުނީ ޖައްސާލަ ބަލާށޭ. ދިޔައިމަ އަޅުގަނޑު ވެއްދީ މީޓިންކުރާ ރޫމްއަށް. އިރުކޮޅަކުން އެތަނުގެ ޖެނެރަލް މެނޭޖަރ ޕެޓްރިކް އައިސް އަޅުގަނޑު ކައިރީ އެހީ އެއްވެސް އެއްޗެއް އަހާލަން ނޫނީ އިނގެން ބޭނުންހޭ، ސާރވިސް ޗާޖާއި ބެހޭގޮތުން ވެސް. އަޅުގަނޑު ބުނިން ބޭނުމެއް ނޫނޭ. ކިހިނެއްވީތޯ ސުވާލު ކުރީމަ ބުނީ އަޅުގަނޑަކީ ރިސޯޓް ބޯއިސް މޯލްޑިވްސް ޕޭޖުގެ ފޯކަލް ޕޮއިންޓޯ، އަޅުގަނޑޯ އެރިސޯޓާއި ބެހޭގޮތުން އެޕޭޖަށް މައުލޫމާތު ދެނީ. އެމައުލޫމާތު ދެނިކޮށް ނަގާފަ ހުރި ވީޑިއޯ އެބަހުއްޓޯ. އަޅުގަނޑު ބުނިން ވީޑިއޯ ދައްކަން، އެޗްއާރް މެނޭޖަރ ވީޑިއޯ ދައްކަން އުޅެނިކޮށް ޖީއެމް ހުއްޓުވާފަ ބުނީ ދައްކާނެ ކަމެއް ނެތޯ، އޭރުން އަޅުގަނޑަށް އިނގޭނެޔޯ ކާކުކަން ވީޑިއޯ ކުރި. އަދި ބުނި ރިސޯޓުގެ އަގު ވައްޓާލި ކަމަށާއި ޕޮލިހަށް އަންގާނެ ކަމަށް" ޝިމްހާޒް ކިޔާދިނެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނުމުން، އެކަން ކުރިއަށް ގެންދިޔުމަށް ބުނި ކަމަށާއި އެއިރުން ޝިމްހާޒް ވެސް ފުލުހުންނަށް މައްސަލައެއް ހުށަހަޅާނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ ޝިމްހާޒަކީ ހޮނޑާފުށި ރިސޯޓުގައި މަސައްކަތް ކުރާ ހަމައެކަނި ސެކިއުރިޓީ އޮފިސަރަށް ވެފައި، ޝިފްޓް ޑިއުޓީ އިންނަ އިރުވެސް ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ފެށިގެން ހަވީރު 17:00 ވަންދެން މަސައްކަތް ކުރުވާތީ ކަމަށް ވެސް ޝިމްހާޒް ބުންޏެވެ.

އަށްގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވާފަވެސް އިތުރުގަޑީގެ ފައިސާ ނުދޭ ކަމަށް ވެސް ޝިމްހާޒް ބުންޏެވެ. އަދި އޭނާ އައްޔަނު ކޮށްފައިހުރި މަގާމުގެ އިތުރުން، ބައެއް ދުވަސް ދުވަހު އެތަނުގައި މަސައްކަތްކުރާ ބައެއް ބިދޭސީން ވެސް ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިއްދޫ އާއި ކުލުދުއްފުށްޓަށް ވެސް ދާން ޖެހުނު ކަމަށާއި އެއީ ހަގީގަތުގައި ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައި ހުރެގެން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހަށް ރިޕޯޓު ކުރާނެ ވާހަކަ ބުނުމުން ޖެނެރަލް މެނޭޖަރ ދެން ބުނީ އިސްތިއުފާ ސިޓީލުމަށާއި އިސްތިއުފާ ދީފިނަމަ، އޭނާއަކީ އެރިސޯޓުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރި މުވައްޒިފެއް ކަމަށް ބުނެ ލިޔުމެއް ދޭނެ ކަމަށް ޖީއެމް ބުނި ކަމަށް ވެސް ޝިމްހާޒް ބުންޏެވެ.

"އަޅުގަނޑު ބުނިން އެރިސޯޓުގެ އެއެްވެސް ގަވާއިދަކާއި އިދިކޮޅަށް އެއްވެސް ޢަމަލެއް އަޅުގަނޑު ނުކުރަން ކަމަށް، އެހެން ކަމުން ކީއްވެތޯ އިސްތިއުފާ ދޭންވީ އަޅުގަނޑު އެހިން. އެސުވާލަށް ޖަވާބެއް ނުދިން. އަޅުގަނޑު ބުނިން އިސްތިއުފާއެއް ނުދޭނަމޭ ކަނޑާލާށޭ ކަނޑާލަން ބޭނުމިއްޔާ. ދެން އަޅުގަނޑު ރޫމަށް އައިތަނުން ފްރަންޓް އޮފީހުން ކުއްޖަކު ގުޅާފަ އެހީ ކިހިނެއް ހަދައިގެންހޭ ތިއުޅެނީ. ކިހިނެއްވީތޯ ސުވާލު ކުރުމުން ބުނީ މިސް ޕައުލާ (ޖީއެމްގެ ސެކްރެޓަރީ) ފްރަންޓް އޮފީހުގަ މަސައްކަތް ކުރާ މިސް ކްރިންޓިން ކައިރީ ބުންޏޭ، ސެކިއުރިޓީގެ އެއްވެސް ކަމަކު ޝިމްހާޒް އަށް ގުޅާކަށް ނުޖެހޭނޭ. ފޯނު ކައިރީ ނޯޓެއް ވެސް ތަތްކޮށްފަ ހުރީ އަޅުގަނޑު ކަނޑާލައިފި ކަމަށް ބުނެ. އެއިރުވެސް އަޅުގަނޑު ކައިރީ އެއްވެސް އެއްޗެއް ނުބުނޭ" ކަނޑާލިކަން އެންމެ ފުރަތަމަ އެނގުނު ގޮތް ކިޔައިދެމުން ޝިމްހާޒް ބުންޏެވެ.

            

ޝިމްހާޒް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމުގައި ސޮއި ކުރުމަށް އެރޭ އެޗްއާރް އިން ޝިމްހާޒަށް އެންގިއެވެ. ނަމަވެސް އެލިޔުމުގައި ލިޔެފައިވަނީ ޝިމްހާޒް އަކީ ވަޒީފާއަށް ފަރުވާ ކުޑަ، ގަޑި ޖެހިގެން ޑިއުޓީއަށް ނިކުންނަ، ފަރުވާކުޑަ މުވައްޒިފެއް ކަމުގައި ކަމަށް ވެސް ޝިމްހާޒް ބުންޏެވެ.

" ކަނޑައެޅިގެން ދޮގެއް އޭގަ ލިޔެފަ އޮތީ. އަޅުގަނޑަކީ ވަޒީފާއަށް ކަމޭހިތާ، ގަޑިއަށް ފަރުވާތެރިވުމުގަ އެމީހުން މިސާލު ނަގާ މީހެއް. އެހެންވެ އެލިޔުމުގަ އެހެން އޮތީމަ އަޅުގަނޑު އެހިން އެޗްއާރް މެނޭޖަރ ކައިރީ އެއީ ހަމަ ތެދުތޯ އޭގައި ލިޔެފަ އޮތީ. އޭނައަކަށް ޖަވާބެއް ނުދެވުނު. ޖީއެމް އެތަނަށް އައުމުން އެޗްއާރް މެނޭޖަރ އުޅުނު އޭނައާއި ވާހަކަ ދައްކަން، އެކަމަކު ޖީއެމް އެންގީ ބޭކާރު ވާހަކަ ނުދެއްކުމަށް. އަޅުގަނޑު އޭގައި ސޮއި އެއް ނުކުރަން" ޝިމްހާޒް ބުންޏެވެ.

އެލިޔުމުގައި ސޮއި ނުކުރިނަމަވެސް ޝިމްހާޒް ވަޒީފާއިން ވަކި ކުރިއެވެ. މިދިޔަ މަހުން ފެށިގެން މިއަދާއި ހަމައަށް މުސާރައާއި، މިއަދާއި ހަމައިގެ ސާވިސް ޗާޖާއި ނޮވެމްބަރ މަހުގެ ސާވިސް ޗާޖާއިއެކު އޭނާގެ އަތައް ދިނީ 5001 ރުފިޔާ ކަމަށް ވެސް ޝިމްހާޒް ބުންޏެވެ. އަދި އެވަގުތު ރިސޯޓުން ދިޔުމަށާއި، ހަނިމާދޫގައި މަޑުކުރެވޭނެ އެކަމޮޑޭޝަން ވެސް ހަމަޖައްސާފައިވާނެ ކަމަށް ރިސޯޓުގެ މެނޭޖްމަންޓުން ބުނި ކަމަށް ވެސް ޝިމްހާޒް ބުންޏެވެ.

"އެކަމަކު ރޭގަ، ހަނިމާދޫ އަށް އަޅުގަނޑު ބޭލުމާއެކީ އެމީހުން ދިޔައީ. އެކަމޮޑޭޝަނެއް ވެސް ހަމައެއް ނުޖައްސައިދޭ. އަޅުގަނޑު ނިދީ ރިސޯޓުގަ ދޯންޏެއްގަ މަސައްކަތްކުރާ ކުއްޖެއްގެ ގޭގަ. މިއަދު ދެން އަޅުގަނޑުގެ ވާހަކަތައް ނޫސްތަކުގައާއި ތަންތަނުގަ ދެކެވެން ފެށީމަ އެޗްއާރް މެނޭޖަރ ގުޅި. ގުޅާފަ ބުނި މާލެހޭ ދާން ބޭނުމީ. އަޅުގަނޑު ބުނިން އާނ އެކޭ އެކަމަކު މާލެ ދާން ހަމަޖައްސާ ނުދެވޭނެއޭ އެއީ ކޮމްޕެނީގެ ޕޮލިސީއެއް ނޫނޭ ބުނީމެއްނޫންހޭ. ހަގީގަތުގަ ވަރަށް ދެރަވި އަޅުގަނޑުގެ އާއިލާއާއި ވެސް މިހާ ދުރުގަ ހުއްޓާ މިގޮތަށް އަޅުގަނޑާއި ދޭތެރޭ ކަންތައް ކުރީމަ. އެކަމަކު މިހާރު އިނީ މާލެ ދާން އަމިއްލައަށް ޓިކެޓު ފޮނުވާފަ. އެޗްއާރް މެނޭޖަރ ބުނީ ކޮމްޕެނީ އިންނޭ ހަމަޖައްސާދިނީ"

ޝިމްހާޒް މިހާރު ގަސްދުކޮށްފައިވަނީ މިރޭ މާލެ އައުމާއެކުވެސް، ހޮނޑާފުށި ރިސޯޓުން އޭނާއާއިމެދު ޢަމަލު ކުރި ގޮތުގެ މައްސަލަ ޖައްސާށެވެ. އޭނާ ބުނި ގޮތުގައި އެރިސޯޓުގައި ދެންވެސް މަސައްކަތް ކުރާ 17 ދިވެހީންގެ ހައްޤުގައި ވެސް ނަސްރު ލިބޭތޯ އޭނާ މަސައްކަތް ކުރާނެއެވެ.

"އަޅުގަނޑު ބޭނުން އެ 17 ދިވެހީންގެ ޙައްޤުތައް ވެސް ހޯދައިދޭން. އެމީހުން ވަރަށް ހާލުގަ އަސްލު އެއުޅެނީ. އަޅުގަނޑަކީ މީހަކާއިވެސް އިނދެގެން ހުރި މީހެއް ނޫން. އެކަމަކު އެތާ އެބަތިބި މީހުންނާއި އިނދެގެން ވެސް ވަރަށް ހާލުގަ އެތަނުގަ މަސައްކަތް ކުރާ މީހުން. އެމީހުންނަށް ނަސްރު ހޯދައިދޭން ބޭނުން. އަޅުގަނޑު ދެކޭގޮތުގަ ޙައްޤަށް ނަސްރު ލިބެންޔާ މިމައްސަލަ ނިމޭނީ އަޅުގަނޑާއި އެއްކޮޅަށް. މައްސަލަ ކުރިއަށް ގެންދަން މިތިބީ ތައްޔާރަށް" ހިތްވަރާއެކު ޝިމްހާޒް ބުންޏެވެ.

ހޮނޑާފުށި ރިސޯޓުގެ ވަޒީފާއިން ޝިމްހާޒް ވަކިކޮށްފައިވީ ނަމަވެސް، ސެލެސްކޯ ޕްރައިވެޓް ލިމިޓެޑުން ވަނީ އޭނާއަށް ވަޒީފާ އެއް ހުށަހަޅާފައެވެ. މިހުށަހެޅުމާމެދު ޝިމްހާޒް ބުނީ އޭނާ ވަޒީފާއެއް ބޭނުން ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ކަމަކަށް އޭނާ ބޭނުންވަނީ މިމައްސަލަ ފުރަތަމަ ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި ސެލެސްކޯގެ ހުށަހެޅުމާމެދު ވިސްނާނެ ކަމަށް ވެސް ޝިމްހާޒް ބުންޏެވެ.

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
10%
ރަނގަޅު
31%
އޯކޭ
34%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ