އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަނިޔާ ލިބުނަސް ރައްޔިތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގަ ސާބިތުކަމާއިއެކު ދެމިހުންނާނަން!: ޤާސިމް އިބްރާހީމް

އަނިޔާ ލިބުނަސް ރައްޔިތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގަ ސާބިތުކަމާއިއެކު ދެމިހުންނާނަން!: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 2 ސިކުންތު

2008 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރި ސަރުކާރުތައް ވެރިކަމަށް އައިސްފައިވަނީ އެމަނިކުފާނުގެ ވެސް ބައިވެވަޑައިގަތުން އޮވެގެން ކަމަށާއި ނަމަވެސް މިހައިތަނަށް ވެރިކަން ކުރި ސަރުކާރުތަކުން އެމަނިކުފާނަށް ނުކުރާ ޖެއްސުމެއް، ނުދޭ ގެއްލުމެއް އަދި ނުކުރާ އަނިޔާއެއްވެސް ނެތް ކަމަށާއި އެހެންކަމުން ކިތަންމެ ވަރަކަށް އަނިޔާ އާއި ގެއްލުން ލިބިވަޑައިގެންނެވި ނަމަވެސް ރައްޔިތުގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސާބިތުކަމާއިއެކު ދެމިހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި އިތުރު މެންބަރުން ގުޅުމަށް ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ހުންނަވައިގެން ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް ހޯއްދަވައިދެއްވަން ބަސްފުޅު ވިދާޅުވެ، ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާތީ އެއިރެއްގައި އޮންނަ ސަރުކާރަކުން ނުކުރާ ޖެއްސުމެއް، ދުއްތުރާލެއް އަދި ނުދޭ ވޭނެއްވެސް ނެތް ކަމަށެވެ. 

"އެކަމަކު ކަންވާގޮތަކީ އަޅުގަނޑު ގެނައި ސަރުކާރުތައް ހައްތާވެސް މިއީ. އަޅުގަނޑު ބުރަ މަސައްކަތްކޮށްގެން އަދި ބޮޑެތި ޚަރަދުތައް ކޮށްގެން ގެނައި ސަރުކާރުތައް މިއީ. އަޅުގަނޑުގެ ފައިދާ އާއި މަންފާއަކަށް ނޫން އަޅުގަނޑު މަސައްކަތް މިކުރަނީ. ޖޭޕީ އުފައްދައިގެން އަޅުގަނޑު މަސައްކަތްކުރަނީ ރާއްޖޭގެ ރައްޔިތުންގެ ފައިދާ އާއި މަންފާއަށްޓަކައި. ތަނެއް ކުރިއަރާނީ އެތަނެއްގައި ތިބި ބައަކަށް ކުރިއެރުން ލިބިގެން. ރައްޔިތުންނަށް އުފާ ފާގަތިކަން ލިބިގެން. ބުނަނީ ރަށަށް ކާތަކެތި އަރުވާނަމަ ތުންބުރި ކާޅަށްވެސް ކާން ލިބޭނެކަމަށް، ވީމާ ރާއްޖެއަށް ކުރިއެރުން ލިބޭނަމަ އަޅުގަނޑަށް ވެސް އެކަމުގެ ފައިދާ ކުރާނެ." 

ޤާސިމް އިބްރާހީމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ޓޫރިޒަމް އެސޯސިއޭޝަނުގެ ރައީސް ކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ކުރިއެރުން ހޯއްދަވައި ދެއްވަން ކަންކަން ސަރުކާރަށް ހުށަހަޅުއްވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާ މިއަދު ދަނީ ރައްޔިތުންނަށް ފެންނަމުން ކަމަށެވެ. އަދި އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށެވެ. 

ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް ބައްލަވައިލައްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެއް އުފައްދަން ސޮއިކުރެއްވި 40 ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށާއި އަދި އެޕާޓީގެ އިދާރާއަކަށް ހުށަހެޅީވެސް މ. ކުނޫޒް ކަމަށެވެ. އެހެންކަމުން މިއަދު ރައްޔިތުންނަށް ފެންނަމުން މިދަނީ ބިރު ކަނޑުއްވާލައްވައި އެއިރުންސުރެ ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ޙަޤީޤަތް އޮޅުވާލަން ބައަކު ކޮންމެ ފަދަ ބަދުނާމުތަކެއް އެޅުވި ނަމަވެސް ހަޤީޤަތް މާތް ﷲ ދެނެވޮޑިގެންވާނެ ކަމަށެވެ. "މާތް ﷲ ވާގިފުޅާއިއެކު މިހައިތަނަށް 7000 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމް ޙާޞިލު ކޮށްދެވިއްޖެ. ލައްކަ ލައްކައިން ބޭސްފަރުވާ ކޮށްދެވިއްޖެ. އަޅުގަނޑުމެދުވެރިވެގެން ކޮށްދެވިފައިވާ ކަމަކުން މީހަކަށް ކުރިއެރުން ލިބިފައިވާނަމަ ނުވަތަ މީހެއްގެ ފުރާނަ ސަލާމަތްވެފައިވާނަމަ ހަމަ ގައިމުވެސް އެ އޮތީ އެކަން ކުރެވިފަ. އަޅުގަޑުގެ ނިޔަތް ދެނެވޮޑިގެންވާނީ މާތް ﷲ! އެކަމަށް ގޮތް ނިންމަވާނީ މާތް ﷲ!

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށްޓަކައި މަސައްކަތް ނުކޮށް، އަތްއުރާލައިގެން، ހިހޫތަނުން ކައިލައިގެން އެމަނިކުފާނުވެސް ހުންނަވާނަމަ އެމަނިކުފާނަށް ވެސް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. ނަމަވެސް ކިތަންމެ ބޮޑެތި ދަތިތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ސާބިތު ކަމާއިއެކު ދެމިހުންނަވާނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ކަމަށެވެ. "ބައެއް މީހުން އަޅުގަނޑު ބަދުނާމުކުރަން ދައްކާ ވާހަކަތަކާއި ގުޅިގެން ދަންނަވަން. ފާއިތުވި އެއްވެސް އިންތިޚާބެއްގައި އެއްވެސް ރައްޔިތަކު ގާތު، އެމީހަކަށް ކޮށްދެވުނު ކަމެއްގެ ބަދަލުގައި އަޅުގަނޑަށް ވޯޓެއް ދޭން ބުނެފައެއް ނުވާނެ. ނަމަވެސް އެހެން މީހުންނަށް ވެރިކަން ހޯދައިދޭން ސަލާން ޖަހާފަވެސް ވާނެ." 

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު މިސަރުކާރު ވެރިކަމަށް ގެންނަން ވެސް އެމަނިކުފާނު ވަނީ ވަރަށް ގިނަ މަސައްކަތް ކުރައްވައިފައެވެ. ބޮޑެތި ހޭދަތައް ކުރައްވައިފައެވެ. އެއިރު އެމްޑީޕީގެ މެންބަރުން ބުނަމުން ދިއައީ އެމަނިކުފާނަކީ އެންމެ ދީލަތި އެންމެ އޯގާތެރި މަހުޖަނުކަމަށެވެ. ފަހުގެ ތާރީޚުގައި ފެނިފައިވާ ބޮޑުތަކުރުފާނު ކަމަށެވެ. ނަމަވެސް 23 ސެޕްޓެމްބަރުގައި ލީ ވޯޓުގެ ނަތީޖާ ހަމަ ލިބުމާއިއެކު ބުނަނީ "ސޭޓު ނޫން ގޮތެއް" ހޯދަން ޖެހޭ ކަމަށެވެ. އިންތިޚާބުގެ ދުވަސްވަރު ކުނޫޒުން ނުނުކުމެވިގެން އުޅުނު ބައެއް އިސް މެންބަރުން ވެސް މީގެ ތެރޭގައި ހިމެނޭކަން ވެސް ފާހަގަކުރެވެއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


57%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް