އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޝަފީއު ގެއްލުނު މައްސަލައިގައި އަނބިމީހާއަށް ޝައްކު ކުރެވެނީ ކީއްވެބާ؟

ޝަފީއު ގެއްލުނު މައްސަލައިގައި އަނބިމީހާއަށް ޝައްކު ކުރެވެނީ ކީއްވެބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 16 ސިކުންތު

ޏ. ފުވައްމުލަކު/ ދޫޑިގަން އޮޅުތެރޭގޭ މުޙައްމަދު ޝަފީއު، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިފައިވާއިރު، އެމައްސަލަ މިހާރު މިވަނީ ގިނަ މީހުން ހީވެސް ނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ.

ޝަފީއު ގެއްލުނު ރޭ އެންމެ ފުރަތަމަ އެކަމާ އެންމެ ހާސްވެގެން އުޅުނު އޭނާގެ އަނބިމީހާ އައިޝަތު ނަޝީދާގެ މައްޗަށް "ޝަފީއު މަރާލި ކަމުގެ ތުހުމަތު"، ގޮތް ނޭނގި މަރުވެފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނުން، ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މައްސަލަ މިހާ ހިސާބަށް އައިއިރު މިކަމާއި ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް ހިއްސާ ކޮށްލާނަމެވެ.

ޝަފީއުގެ އާއިލާގެ ފަރާތުން ނަޝީދާއާއިމެދު ޝައްކުތަކެއް ކުރަމުންދަނީ ސަބަބުތަކެއް ނެތި ނޫންކަން، ނަން ހާމަ ނުކުރަން އެދި އެއާއިލާގެ ފަރާތުން މީހަކު "މިއަދުނޫހަށް" މައުލޫމާތު ދީފައިވެއެވެ.

އެގޮތުން އެންމެ ފުރަތަމަ ޝައްކެއް ކުރެވުނީ، ޝަފީއު "ގެއްލިއްޖެ" ކަމަށް ނަޝީދާ މާ އަވަހަށް ނިންމުމުންނެވެ.

ނަޝީދާ މީގެކުރިން "މިއަދުނޫހަށް" ވެސް އަދި އެއާއިލާއާއި ފުލުހަށް ވެސް މައުލޫމާތު ދީފައިވާ ގޮތުގައި ޝަފީއު އެގެއިން އެންމެ ފަހުން ނިކުތީ އެރޭ 21:30 ހާއިރެވެ. އެއިރު ނިކުތީ "މަންމަ ގެއަށް ގޮސްފަ އެބަ އަންނަމޭ" ބުނެ ގޭގައި ޝަފީއުގެ ވޮލެޓާއި ފޯނު ވެސް ބާއްވާފައި ކަމަށް ނަޝީދާ ބުނެފައިވެއެވެ.

ނަމަވެސް އޭގެ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން ނަޝީދާ ވަނީ ޝަފީއުގެ މަންމަ އަށާއި އާއިލާގެ އެކި މީހުންނަށް ފޯނުކޮށް، ޝަފީއު "ގެއްލިގެން" އުޅޭކަމަށް ބުނެފައެވެ.

"10:30 ހާއިރު ވާނީ، މަންމައަށް ގުޅާފަ ބުނި މިއުޅެނީ ބޭބެ ގެއްލިގެންނޭ ތިގެއަށޭ ކިޔާފައޭ ދިޔައީ އެބަހުރިހޭ. އަޅުގަނޑަށް ވެސް ގުޅާފަ ހަމަ އެހެން ބުނީ. ގެއިން ނިކުތީ ކިހާ އިރަކުތޯ އެހީމަ ބުނީ 9:30 ގައޭ. ގެއިން ނިކުތްތާ އެންމެ އެއް ގަޑިއިރު ތެރޭ ބޭބެ ގެއްލުނީކަން އެނގި އެގޮތަށް ނިންމައިގެން ވާހަކަ ދެއްކީމަ، ގޯހެއް އުޅޭހެން ހީވި" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭގެއިތުރުން ދެން ޝައްކުވީ ބޭރަށް ނިކުތީ ގޭގައި ފޯނާއި ވޮލެޓުވެސް ބާއްވާފައި ކަމަށް ބުނުމުންނެވެ. ބޭރަށް ނިކުންނައިރު ފޯނާއި ވޮލެޓާއި ދޭތިވެސް ބާއްވާފައި ގޮސްފާނެކަމަށް އާއިލާއަށް ވަރަށް ޤަބޫލު ނުކުރެވެއެވެ.

ޝަފީއު ގެއްލިގެން ރަށުގެ ގިނަ އަދަދެއްގެ މީހުން އެރޭ ވެސް އަދި އޭގެ އަނެއް ދުވަހު ވެސް ރަށުތެރޭގެ އެކިތަންތަން ބަލައިހޯދަން ފެށި ކަމަށްވެއެވެ. އާއިލާގެ މީހުންނާއި އެކިއެކި މީހުން، އަދި ފުލުހުންނާއި އެމްއެންޑީއެފް މީހުންވެސް ޝަފީއު ފެނޭތޯ މުޅި ރަށް އަތް ފުނާ އަޅަމުން ދިޔައިރު، އޭނާ "ގެއްލުނު" ކަމަށް އެންމެ ފުރަތަމަ ވެސް އިއުލާނުކުރި ނަޝީދާ، ޝަފީއު ހޯދުމުގައި އެއްވެސް ވަރަކަށް އަމަލީގޮތުން ބައިވެރިނުވާކަން ވެސް އާއިލާއިން ފާހަގަ ކޮށްފައިވެއެވެ.

"ބޭބެ ގެއްލިއްޖެ ކަމަށް ނަޝީދާ އެހާ އަވަހަށް ބުނީމަ ޝައްކު ކުރެވުނުނަމަވެސް، އަހަރުމެން އެވަގުތުން ފެށިގެން ވެސް ބޭބެ ފެނޭތޯ މަސައްކަތް ފެށިން. ޕޮލިހަށް ގުޅަން ވެސް އޭނަ ކައިރީ ބުނިން. އެކަމަކު ނަޝީދާ ބުނީ ތިމަންނަގެ ބޭބެއެއް ނޫނެއް ނޫންހޭ ތިމީހުންގެ ބޭބެ ނޫންހޭ އެހެންވީމަ ތިމީހުން ނޫންހޭ ހޯދަން ޕޮލިހަށް ގުޅާނީ. ބޭބެ ހޯދުމުގެ އެއްވެސް މަސައްކަތެއްގަ ނަޝީދާ ނޫޅޭ. ގޭގަ ހަމަ އިނީ. މަންމަ ކައިރިއަށް ވެސް ނާދޭ. މަންމަ އާއި ހަމައަށް ވެސް އައީ ބޭބެ ގެއްލިގެން އެކަމާއި ގުޅިގެން އޭނައަށް ޝައްކުތަކެއް ކުރެވެން ފަށައިފިކަން އޭނައަށް އެނގުނު ހިސާބުން އެވާހަކަ ދައްކަން އެކަނި" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މީގެއިތުރުން ޝަފީއު ގެއްލުނުތާ މާގިނަ ދުވަސްތަކެއް ނުވެ، ނަޝީދާ އޭނާގެ ފޭސްބުކް އައިޑީން ކޮށްފައިވާ ޕޯސްޓެއް، އެންމެންގެ ސަމާލުކަމަށް އައިސްފައިވެއެވެ.

            

އޭނާގެ ދަރިންގެ ފޮޓޯއަކާއެކު އޭނާ ލިޔެފައިވާ އެޕޯސްޓުގައިވަނީ އޭނާގެ ބައްޕައަކީ ވަރަށް ގަދަޔަށް ފަންޑިތަ ހަދާ މީހެއް ކަމަށާއި އޭނާ ބޭނުން ކޮންމެ ކަމެއް ފަންޑިތައިގެ ޒަރީޢާއިން އޭނާގެ ބައްޕަ އޭނާއަށް ކޮށްދޭ ކަމަށެވެ.

"ކުރިން ކައިވެނިކުރި އަންވަރު އާއިވެސް ކައިވެނިކުރީ ފަންޑިތަ ހަދައިގެން. މަރުވި ފިރިމީހާވެސް ހޯދީ ހަމަ އެހެން. ދިޔައީ ވެސް ހަމަ އެހެން. އަހަރެން ހިތުގައި ޖައްސާ އަހަންނަށް ބަދަލު ހިފަން އުޅެފި މީހަކު ހަނދާން ކުރާތި، ދުވަސް ދުއްވާލާނަން. އެމީހާގެ މުޅި އާއިލާއަށް އެކަން ދައްކާލާނަން. އެމީހަކަށް ދުވަހަކުވެސް އުފަލެއްގަ ނުއުޅެވޭނެ. މަގޭ ލޯބިވާ ދެކުދިން، މަގޭ ދިރިއުޅުންމިއީ" އެޕޯސްޓުގައި ލިޔެފައިވެއެވެ.

އެއްބަޔަކު ބުނާ ގޮތުގައި މިޕޯސްޓަކީ އޭނާގެ ކުރީގެ ފޭސްބުކް އައިޑީގައި އިން ޕޯސްޓެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އޭނާގެ އައިޑީ އެއިރު ހެކްވީ އެވެ. ނަމަވެސް މިޕޯސްޓު އެއިރު ނަޝީދާ ގެންގުޅުނު އައިޑީ އިން ހަމަ ފެނުނު ކަމަށާއި މިފަދަ ސްޓޭޓަސް އެއް ޖަހާފައި މާގިނައިރެއް ނުވެ އަވަހަށް އޭތި ފުހެލި ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ސުވާލުތަކެއް ކުރުމަށް، މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ނަޝީދާ ވަނީ އެކޮމިޝަނަށް ހާޒިރުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ނަޝީދާގެ އާއިލާމީހަކު "މިހާރު" ނޫހާއި "ވަގުތު" ނޫހަށް އިއްޔެ މައުލޫމާތު ދީފައިވަނީ ފުވައްމުލަކުން މާލެއައިސް އެއާޕޯޓުގައި ހުރެ ކޮމިޝަނަށް ގުޅުމުން އެވަގުތު ހާޒިރުވާން އެންގެވި ކަމަށާއި ވަކީލަކާވެސް ނުލާ ހަ ގަޑިއިރު ވަންދެން އެކޮމިޝަންގައި ނަޝީދާ ސުވާލު ކުރުމަށް ބޭންދި ކަމަށެވެ. އަދި އެކޮމިޝަނުން ބުނާ ގޮތަށް ބަޔާން ނުދެނީސް ނަޝީދާ ދޫކޮށްނުލާނެ ކަމަށް ކޮމިޝަނުން ބުނެ މަޖުބޫރުކުރި ކަމަށްވެސް އާއިލާމީހާ މައުލޫމާތު ދިން ކަަމަށް ވެއެވެ. އެޚަބަރު "މިހާރުނޫހުން" މިހާރު ކޮންމެވެސް ވަރަކަށް  ބަދަލު ކޮށްފައިވީ ނަމަވެސް، ޗާޓެއް ދައްކާފައި ޝަފީއު ވަޅުލާފައި އޮތީ ކޮންތާކުތޯ ދެއްކުމަށް އެކޮމިޝަނުން މަޖުބޫރުކުރިފަަދަ ގޮތަކަށް ނަޝީދާ މައުލޫމާތު ދިން ކަމަށް އެޚަބަރުގައިވެއެވެ.

އެކަމާއި ގުޅޭގޮތުން "މިއަދުނޫހުން" ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އާއި ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ އެއްވެސް ގޮތަކަށް މަޖުބޫރެއް ކޮށްފައި ނުވާނެ ކަމަށާއި ނަޝީދާ ހާޒިރު ކުރެވުނީ މައުލޫމާތެއް ސާފު ކުރުމަށް ކަމަށާއި އެކަން ނިމުމުން އަނބުރާ ރަށަށް އިއްޔެ ފޮނުވާލާފައިވާ ކަމަށެވެ.

"މަޖުބޫރު ކުރާނީ ކިހިނެއްތޯ؟ މަޖުބޫރެއް ނުކުރަން އެއްވެސް ގޮތަކަށް. އޭނާ ހާޒިރު ކުރެވުނީ އެމައްސަލައާއި ގުޅޭގޮތުން މައުލޫމާތެއް އޮޅުން ފިލުވުމަށް. އާދީއްތަ ދުވަހު ހާޒިރުކޮށްފަ ދެވަނަ ފަހަރަކަށް އިއްޔެ ވެސް ހާޒިރު ކުރިން. އަދި ހަމަ އިއްޔެގެ ވަގުތެއްގަ އޭނަވަނީ އަނބުރާ ރަށަށް ފޮނުވާލާފަ. މައުލޫމާތު ސާފު ކުރުމަށް އެކަނި އޭނާ ހާޒިރު ކުރެވުނީ" ސުއޫދު ވިދާޅުވިއެވެ. ޗާޓެއް ނަޝީދާއަށް ދެއްކުމާއި ގުޅޭގޮތުން ސުއޫދު އެއްވެސް މައުލޫމަތެއް ދެއްވާފައެއް ނުވެއެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން ނަޝީދާ ބުނީ، އޭނާގެ އާއިލާގެ މީހަކު ނޫހަކަށް މައުލޫމާތު ދީފައިނުވާނެ ކަމަށާއި ނޫސްތަކުން ޚަބަރު ލިޔަނީ ކިހިނެއްކަމެއް ނޭނގޭ ކަމަށެވެ.

މީގެއިތުރުން ރިޔާސީ ކޮމިޝަނުން އޭނާއަށް ތުހުމަތު ނުކުރާ ކަމަށް ވެސް ނަޝީދާ ބުންޏެވެ. ނަމަވެސް ޗާޓެއް ދެއްކި ކަމަށް ނަޝީދާ ވެސް ބުނެފައިވެއެވެ.

"އާދީއްތަ ދުވަހު އަޅުގަނޑު ކޮމިޝަނަށް ހާޒިރުކޮށްފަ ސުއޫދު އެތަނަށް ވަޑައިގަތް. ވަޑައިގެންފަ ޗާޓެއް ދައްކާފަ ބުނި ގެ ފާހަގަ ކުރުމަށް. އަދި ގެ ކައިރީގަ އޮތް ފަޅު ގޯއްޗެއް ދައްކާފަ، އެތަނުގައި ޝަފީއު ވަޅުލާފަ އޮތްތަން ދެއްކުމަށް ސުއޫދު ވިދާޅުވި. އަޅުގަނޑު ބުނިން ޝަފީއު ވަޅުލާފަ އޮތްތަން އަޅުގަނޑަކަށް ނޭނގެއޭ އެހެންވީމަ ކިހިނެއްހޭ ދައްކާނީ. ދެންވެސް އެހެން އެހުމުން އެގޮތަށް އަޅުގަނޑު ބުނިން. ހެނދުނު 10:30 އިން ފެށިގެން ރޭގަނޑު 19:00 ވަންދެން އަޅުގަނޑު އިނިން ކޮމިޝަނުގަ، ދެން ފޮނުވާލީ. ދެން އިއްޔެ އަލުން އަޅުގަނޑު ހާޒިރުކުރި. ހާޒިރުކޮށްފަ ދެންނެވި އަސްލުގަ އަޅުގަނޑު ހާޒިރުކުރީ ތުހުމަތެއް ކޮށްގެނެއް ނޫން ކަމަށް، އެކަމަކު އަޅުގަނޑަކީ ޝަފީއުގެ އަނބިމީހާއަށް ވެފަ، އެންމެ ފަހުން ޝަފީއު ފެނުން މީހާ ކަމަށް ވެސް ވާތީ ހާޒިރުކުރީ ކަމަށް ދެންނެވި" ނަޝީދާ ބުންޏެވެ.

          

 

ކޮންމެހެނަކަސް، މިިމައްސަލައިގެ ތަހުގީގު މިހާރު ދާގޮތެއް އެއް ގޮތަކަށް ވެސް އެނގިފައެއް ނުވެއެވެ. އެނގޭހާވެސް އެއްޗަކީ، 14 ޖުލައި 2017 ވަނަ ދުވަހުގެ ރޭ ޏ.ފުވައްމުލައް، ދޫޑިގަން/އޮޅުތެރޭގޭ މުޙައްމަދު ޝަފީއު(42އ.) ވަނީ ގެއްލިފައި ކަމެވެ. އޭނާ ފެނޭތޯ އެރަށުގެ ވަލުތެރެއާއި ފަޅުތެރެ ވެސް ބަލައިފާސް ކޮށްފައިވެއެވެ. އެރޭ ދޯންޏަކަށް އަރައިގެން އެހެން ރަށަކަށް ފުރީތޯ ބަލަން ބަނދަރުމައްޗަށް ގޮސް، ދޯނިތަކުގެ މީހުންނާއި ވެސް ވާހަކަ ދައްކާފައިވެއެވެ. ނަމަވެސް ބަނދަރުމަތިން ނުވަތަ ދޯންޏަކަށް ޝަފީއު އަރަނިކޮށް ވެސް އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ. އަދި އެރޭ ފުވައްމުލަކުން ދޯންޏެއް އެގަޑީގައި އެއްވެސް ތާކަށް ފުރާފައެއް ވެސް ނުވެއެވެ.

ޝަފީއުއަކީ އޭނާ ދަންނަ ގިނަ މީހުން ބުނާގޮތުގައި މީހުންނަށް ނުހަނު އޯގާތެރި، އެހީތެރި، އަދި މަޑުމައިތިރި ހެޔޮ މީހެކެވެ. އޭނާ ދަންނަ ގިނަ މީހުން އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އެރެއިން ފެށިގެން މިއަދާއި ހަމައަށް ވެސް އޭނާ ނެތުމުގެ ހިތާމަކޮށް، އިންތިޒާރު ކުރަމުން ދެއެވެ. އެއެންމެންގެ ވެސް ދުޢާއަކީ ޝަފީއު އަލުން ފެނުމެވެ. ނޫނީ އޭނާއަށްވީ ގޮތެއް ހާމަވެ، އިންސާފު ލިބުމެވެ.

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
13%
ރަނގަޅު
27%
އޯކޭ
37%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ