އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރައީސް ނަޝީދަށް: އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތް ދޮގުކޮށް ފުލޯކުވާހަކައަށް ހަދާފަ އެވަނީ ދިވެހިންގެ ބައަކު 7 ވަނަ އުޑަށް އަރަން އުޅޭތީތޯ؟

ރައީސް ނަޝީދަށް: އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތް ދޮގުކޮށް ފުލޯކުވާހަކައަށް ހަދާފަ އެވަނީ ދިވެހިންގެ ބައަކު 7 ވަނަ އުޑަށް އަރަން އުޅޭތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 44 ސިކުންތު

ރައީސް މުޙައްމަދު ނަޝީދު ރޭ ވަރަށް ސާފުކޮށް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ނެރުމުގައި އެއްވެސް ނުބައި ނިޔަތެއް ނެތް ކަމަށާއި މައްސަލަތައް ކުރިމަތިވެފައި އެހުރީ އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުގައި ކަމަށެވެ. އަދި އެ ރިޕޯޓުގައި ހުރީ ރާއްޖެ އާއި ގުޅުން ހުރި މައްސަލަތައް ކަމަށެވެ. ދިވެހިން ކަންބޮޑުވާން ޖެހޭ ކަންކަމުގެ ވާހަކަތައް ކަމުގައެވެ.

ވީމާ އަޅުގަނޑު ރައީސް ނަޝީދާއި ކުށްލަން ބޭނުންވާ ސުވާލަކީ ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުގައި އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅަކީ ޙަޤީޤަތެއްކަން (ރަސޫލް (ޞޢޥ) މައްކާއިން މަސްޖިދުލްއަޤްޞާއަށް އަދި މަސްޖިދުލްއަޤްޞާއިން 7 ވަނަ އުޑަށް އުފުއްލެވިކަމަށް) ވަޙީކުރައްވަވާފައިވަނިކޮށް (އިސްކަންދަރު ސްކޫލުގައި މަނިކުފާނު ރޭ ދެއްކެވި ވާހަކަފުޅަށް ބުރަވެ އަޅުގަނޑު މިހާރު ޔަޤީންކުރާ ގޮތުގައި މަނިކުފާނުގެ އެހީތެރިކަމާއި ވާގިވެރިކަމާއިއެކު) ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތް ކުރާ އެމްޑީއެން އިން ނެރުނު އެ ރިޕޯޓުގައި އިސްރާ އާއި މިޢްރާޖަކީ ޙަޤީޤަތެއް ނޫން ކަމަށާއި އެއީ ފުލޯކު ވާހަކައެއް ކަމަށް ސިފަކޮށްފައި އެވަނީ ރާއްޖެއިން ބައަކު ކޮންމެވެސް ތަނަކުން ކޮންމެވެސް ޖަނަވާރެއް ފަދަ އެއްޗެއް ހޯދައިގެން އެއިގެ ބުރަކަށިމަތީގައި ނޫނީ ފްލައިޓެއް ހޯދައިގެން ނަމަވެސް 7 ވަނަ އުޑަށް އަރަން އުޅޭ ކަމުގެ މައުލޫމާތު މަނިކުފާނަށާއި އެމްޑީއެންއަށް ލިބިފައިވާތީ ތޯއެވެ؟ އެކަމުގައި އުޅެނިކޮށް 7 ވަނަ އުޑަށް ނުއެރި ވެއްޓި ދިވެހިންގެ ބައަކު މަރުވެދާނެ ކަމުގެ ބިރަށްތޯއެވެ؟ އެފަދަ ބޮޑު ގެއްލުމަކުން ދިވެހިން ސަލާމަތްކުރަންތޯއެވެ؟

ނޫނީ ކީރިތި ޤުރްއާނުގެ ހުރިހާ އާޔަތްތަކަށް ދިވެހި މުސްލިމުން ފުރިހަމައަށް އީމާންވެގެން ތިބިމުން ފަސޭހައިން ބޮލަށް ޗިޕެއް ޖަހައިލެވިދާނެހެން ހީވާ ކަމެއް ނަގައިގެން ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާނާއިމެދު ޝައްކު އުފައްދުވަން ހިންގާފައިވާ ބޮޑު ޖަރީމާއެއް ނޫންތޯއެވެ؟

މަޖިލީހުގެ އިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. އެ ރިޕޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން މިފާހަގަކުރީ އެންމެ މައްސަލައެކެވެ. މި މައްސަލައިގައި ކޮންމެވެސް އެއްގޮތަކަށް ނިންމަވަން މަނިކުފާނަށް ޖެހިވަޑައިގަންނަވާނެއެވެ. އެއީ ދިވެހިން 7 ވަނަ އުޑަށް އަރަން އުޅުމުގެ މައްސަލަ ރާއްޖޭގައި އެބަ އޮތް ކަމަށް، ނޫނީ އެއީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮތް އިތުބާރާ ޔަޤީންކަން ފުނޑުފުނޑުކޮށްލަން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމާއި ދެގޮތުންކުރެ އެއްގޮތެކެވެ.

މަނިކުފާނު ވަރަށް ޖަޒުބާތާއި އަސަރާއި "އެކުދިން" ކުރި މަސައްކަތް ވިދާޅުވެ ދެއްވީމުއެވެ. ވީމާ އެކުދިންގެ މި މަސައްކަތް މި ދެގޮޅިންކުރެ އެއް ގޮޅިއަށް ފައްތަން ޖެހޭކަން މިފާހަގަކުރަނީ މަނިކުފާނުގެ ވާހަކަފުޅަށް ނިޞްބަތްކޮށެވެ.

ދެން އޮތީ ކިޔެވި ޔުނިވަރސިޓީގެ ގޮތުން ތަރުޖަމާގެ މައްސަލަ ނުކުތުމެވެ. އަޅެފަހު ދިރާސާ ކުރީ ރާއްޖޭގައި ހުރި މައްސަލަތަކެއް ކަމަށް މަނިކުފާނު ވިދާޅުވި އިރު އިސްރާ އާއި މިޢްރާޖުގެ މައްސަލައިގައި ބޮޑެތި ދޮގު ބުހުތާންތަކެއް ލިޔަން ޖެހުނީ ކީއްވެގެންތޯއެވެ؟ އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅަކީ ހަމައެކަނި ޙަދީޘްފުޅުން ނޫނީ ސުންނަތުން ސާބިތުވާ މައްސަލައެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އާޔަތުން ސާބިތުވާ ކަމެކެވެ. ވީއިރު އެކަން ބިލާހަކަށް ނުވަތަ ފުލޯކަކަށް ހަދަން ތަރުޖަމާ ކުރަން ޖެހެނީ ރާއްޖޭގައި ކިތައް މީހުން 7 ވަނަ އުޑަށް އަރަން އުޅޭތީތޯއެވެ؟ ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް މަނިކުފާނަށާއި މަނިކުފާނުގެ ބައިވެރިންނަށް ވިސްނިގެންތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދައްކާ އެއްވެސް ވާހަކައަކަށް އަދަބު ނުދެއްވާ ގޮތަށް މަޖިލީހުގެ ޤަވާއިދުތައް ހައްދަވައިގެން ދުލުގައި ވާގިހުރިހައި ހިނދަކު އެތަނުގެ ތެރޭގައި ދޮގުތައް ހެދިދާނެއެވެ. އެކަމަށް މިދުނިޔޭގައި އަދަބެއް ނުދެވުނު ނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެއެވެ. ޤިޔާމަތް ދުވަހު ޢަޛާބު ދެއްވަވާނީ މަޖިލީހުގެ ޤަވާއިދު ބައްލަވައިގެނެއް ނޫނެވެ. މަލާއިކަތުން ލިޔުއްވެވި ފަތަށް ބައްލަވައިގެންނެވެ.

އެމްޑީއެންއިން ނެރުނު "ސެޓަނިކް ރިފޯމް ކަރުދާސް" ތަކުން 24 މައްސަލަ ޖަމިއްޔަތުއް ސަލަފުން އެކަނިވެސް ވަނީ ފާހަގަކޮށްފައެވެ. ބައެއް ޢިލްމުވެރިން ގެންދަވަނީ 37 ކަމެއް ދިރާސާ ކުރައްވަމުންނެވެ. ނަމަވެސް މަނިކުފާނު ތިއަ ވިދާޅުވަނީ ހަމަ ތަރުޖަމާ ކުރުމުގެ މައްސަލައެއް ކަމަށެވެ. އެކުދިންގެ ނިޔަތް ވަރަށް ނާޒުކު ކަމަށެށެވެ.

ރައީސް ނަޝީދުއެވެ. މިއަހަރު ތެރޭ ޝަހިންދާ ބޭރުގެ މީޑިއާތަކަށް ދީފައި އެހެރަ މައުލޫމާތުގެ ވީޑިއޯތަކުން އެކަނިވެސް އެމްޑީއެންގެ ރިޕޯޓުގައި ހުރީ ތަރުޖަމާ ކުރުމުގެ މައްސަލައެއް ނޫން ކަމާއި މާތް ﷲ އަށް ގޮންޖެހުމުގެ މައްސަލަކަން މާތް ﷲ އަށް ބިރުވެތިވާ އެންމެންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

މީސްތަކުންގެ ލޯބި ﷲ ތަޢާލާ ދެއްވަވަނީ މަދު ބައަކަށެވެ. މަނިކުފާނަކީ އެތަނުން އެކެއް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ކޮންމެ ފަހަރަކު މާތް ﷲ ބާރެއް ދެއްވަވާއިރަށް މިފެންނަނީ މަނިކުފާނުގެ އެކުވެރިންކަމުގައި އިސްލާމް ދީނުގެ އަދުއްވުން ހައްދަވައި މާތް ﷲ އާއި އަދާވާތްތެރިކަން އިއުލާނު ކުރައްވަވާ ތަނެވެ.

މިއަދު މިވާހަކަ ވެސް ހަނދުމަފުޅުކޮށް އަރުވާނަމެވެ. މަޝްހޫރު ޑިސެމްބަރު 23 އާއި ފެބްރުވަރީ 7 ގެ މާކުރިއެވެ. 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ހިސާބެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައި މަނިކުފާނު މުލީއާގޭގައި އަޅުގަނޑަށް އެޕޮއިންޓްމަންޓެއް ދެއްވީމުއެވެ. އެ ބައްދަލުވުމުގައި އަޅުގަނޑު ފާހަގަކުރީ މިހާރު ފަދައިން 3، 4 މާނަ ދޭހަވާ ގޮތަށް މަނިކުފާނު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކެވެ. އެވާހަކަފުޅުތަކުން 1 މާނަ ދޭހަކޮށްދެއްވުމަށެވެ.

މަނިކުފާނު ދެއްވި ޖަވާބާއި އެޖަވާބަށް އަޅުގަނޑު ދެންނެވި ދެންނެވުން ހާމަކުރާކަށް އަދި ނެތީމެވެ. ނަތީޖާ ވަނީ ދާދި އަވަހަށް މާތް ﷲ ދައްކަވައިފައެވެ. ބުއްދިވެރިންނަށް އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ. އެހެންކަމާއިއެކުވެސް ޝައިޚް އިލްޔާސްގެ ބަސްފުޅު ހަނދުމަފުޅުކޮށް އަރުވާނަމެވެ. "ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބު މާ ވަރުގަދަވާނެ އެވެ. އަންނާނެ ވގުތެއް، އަންނާނެ ގޮތެއް ހަމަ ނުވެސް އެނގޭނެއެވެ!" ވިމާ އެކުދިންކޮޅު ދިފާޢުކުރައްވަން އުޅުއްވަން ހައްދަވައިގެން ދެވަނަ ފަހަރަށް ހަލާކުގެ މަގަށް ވަޑައިނުގަތުން ކީއްތޯއެވެ!

އާރޓިކަލް ރޭޓްކުރައްވާ


32%
ވ.ރަނގަޅު
11%
ރަނގަޅު
23%
އޯކޭ
32%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް