އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

"ހުތުރު މީހާ" ގެ ވާހަކަ

"ހުތުރު މީހާ" ގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 11 ސިކުންތު

އޭނާއަކީ ފަގީރެކެވެ. ފަގީރުވުމުގެ އިތުރުން، އޭނާ ހުންނަ ސިފަ ގިނަ މީހުންނަށް ކަމަކު ނުދެއެވެ. އެހެންކަމުން ގިނަ މީހުން އޭނާއާއި ދިމާލަށް "ހުތުރު މީހާ" ގެ ނަމުން ނަންދިނެވެ.

މީހަކާއި ދިމާލަށް އޭނާ ބަލާލައިފިނަމަ، އެމީހަކު އަވަހަށް އަނެއްކޮޅަށް އެނބުރި، އޭނާއަށް މޫނު ފޮރުވައެވެ. އެހެންކަމުން މީހުންނާއި ކުރިމަތިލާން އޭނާވެސް ޖެހިލުން ވާން ފެށިއެވެ.

އެފިރިހެން މީހާއަކީ ޖުލޭބީބް (ރަޟިއަﷲ އަންޙު) އެވެ. އޭނާއަކީ ރަސޫލާ (ޞޢޥ) ގެ އަސްޙާބު ބޭކަލެކެވެ.

އެއްދުވަހު ރަސޫލާ (ޞޢޥ) ޖުލޭބީބް އާއި ބައްދަލު ކުރެއްވިއެވެ. އެއިރު އޭނާހުރީ އުމުރުން ދުވަސްވާން ކައިރިވެފައެވެ. ޖުލޭބީބް ގެ ހާލު ކިހިނެއްތޯ ރަސޫލާ (ޞޢޥ) އެއްސެވިއެވެ. ޖަވާބުގައި ޖުލޭބީބް ކުރެއްވީ ސުވާލެކެވެ. "ޔާ ރަސޫލުﷲ (ޞޢޥ) އެވެ. އަނތްބެއްގެ ގޮތުގައި ތިމަންކަލޭގެފާނަށް ހަމައެކަނި ލިބޭނީ ޖަންނަތުން އަނތްބެއް (ހޫރުއްލީނެއް)ހެން ކަލޭގެފާނަށް ހީފުޅުވޭތޯއެވެ؟"

ޖުލޭބީބް ބުނަން އުޅުނީ ކީކޭކަން އެކަލޭގެފާނަށް ވިސްނި ވަޑައިގަތެވެ. މިދުނިޔޭގައި އޭނާއަށް އަނތްބެއް ލިބޭނެކަމުގެ އުންމީދު އޭނާގެ ނެތްކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި އަނތްބެއް ލިބޭނެ ކަމުގެ އުންމީދު ޖުލޭބީބް ހަމައެކަނި ކުރަނީ މަރުވުމަށްފަހުކަން ވެސް އެނގިވަޑައިގަތެވެ.

"ނޫން" ޖަވާބުގައި ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވިއެވެ.

"އިންޝާ ﷲ މިދުނިޔެއާއި އާޚިރަތުގައިވެސް ކަލޭގެފާނަށް އަނތްބަކު ލިބޭނެ"

މީގެ އިތުރުން ވެސް ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވިއެވެ.

"ޔާ ޖުލޭބީބް. މިވެނި މީހެއްގެ ގެއަށް ގޮސް ޒިޔާރަތް ކުރާށެވެ. އަދި އެގޭ ފިރިހެންމީހާ ގާތު އެމީހުންގެ އަންހެން ދަރިފުޅާ ކައިވެނި ކޮށްދެއްވުމަށް އެދޭށެވެ."

ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވި ފަދައިން ޖުލޭބީބް ކަންތައް ކުރެއްވިއެވެ. ނަމަވެސް އެގޭ އަންހެން ދަރިފުޅު އޭނާއާއި ކައިވެނި ކުރުވުމަށް އެކުއްޖާގެ ބައްޕަ އިންކާރު ކުރިއެވެ. އެހެންކަމުން ދެން އެއަންހެން ކުއްޖާގެ ބައްޕައާއި ބައްދަލު ކުރެއްވީ ކައުއިތުރު ރަސޫލާ (ޞޢޥ) އެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ."މިގޭ އަންހެން ކުއްޖާގެ ކައިވެންޏެއް ކުރެއްވުމަށް ތިމަންކަލޭގެފާނު އެދިލައްމެވެ"

 

"الله أكبر ކޮންފަދަ އުފާވެރި ޚަބަރެއްތޯ. އަޅުގަނޑުގެ އަންހެން ދަރިއަކާއި ކަލޭގެފާނު ކައިވެނި ބައްލަވައިގަތުން ހަމަ ކަށަވަރުން ވެސް ވެގެންދަނީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ލިބޭ އަލިކަމަކަށް" ނުހަނު އުފަލާއިއެކު އޭގެން އަންހެން ކުއްޖެއްގެ ބައްޕައެއް ބުންޏެވެ.

"ނޫން ނޫން ނޫން. ތިމަންކަލޭގެފާނު މިއެދިލައްވަނީ، ތިމަންކަލޭގެފާނާއި ކައިވެނި ކޮށްދެއްވުމަކަށް ނޫން. ޖުލޭބީބް އާއި ކައިވެނި ކޮށްދެއްވުމަށް" ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ.

ކުއްލިއަކަށް އަންހެން ކުއްޖާގެ ބައްޕަގެ ހިނިތުންވުން، މޫނުމަތިން ގެއްލުނެވެ. އަދި އަންހެން ކުއްޖާގެ މަންމަ ގާތު އަހާފައި ޖަވާބެއް ދެއްވާެނެ ކަމަށް ބުންޏެެވެ. އަންހެން ކުއްޖާގެ މަންމަ ގާތު ޖުލޭބީބް އާއި އެދެމަފިރިންގެ އަންހެން ދަރިފުޅު ކައިވެނި ކޮށްދެއްވުމަށް ރަސޫލާ (ޞޢޥ) އެދުނު ކަމަށް ބުންޏެވެ.

"ސުބްޙާނަﷲ އަހަރުމެންގެ ދަރިފުޅާއި ކައިވެނި ކުރުމަށް ނުހަނު ރީތި މީހުންނާއި މުއްސަނދިން އެދުނު. ނަމަވެސް އަހަރުމެން އެއެންމެންވެސް އިންކާރުކޮށް ފޮނުވާލީ. މިހާރު އަހަރުމެންވީ އެފަދަ ހުތުރު މީހަކާއި އަހަރުމެންގެ ދަރިފުޅު ކައިވެނި ކޮށްދެއްވަންތޯ؟ ނޫން. ހެޔޮ ނުވާނެ، ނޫން" އަންހެން ކުއްޖާގެ މަންމަ އެކަމަށް އިންކާރު ކުރިއެވެ.

އަންހެން ކުއްޖާގެ މައިންބަފައިން އެވާހަކަ ދެއްކިއިރު، އެކުއްޖާ ހުރީ އެވާހަކަތައް އަޑު އަހާށެވެ. އެވާހަކަތައް އަޑުއެހުމަށްފަހު އެނާގެ މައިންބަފައިން ގާތު އެކުއްޖާ ސުވާލު ކުރިއެވެ.

"ލޯބިވާ މަންމައާއި ބައްޕާއެވެ. އަހަންނަށް މިއިވެނީ ކޮންކަހަލަ ޚަބަރެއް ހެއްޔެވެ. މާތްރަސޫލާ (ޞޢޥ) ތިމަންކަމަނާއަށް ފިރިއެއް ކަނޑައެޅުމުން، މަންމަމެން އެކަލޭގެފާނުގެ ހުށަހެޅުމަށް އިންކާރު ކުރީ ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. ތިމަންކަމަނާ އެކަލޭގެފާނުގެ ހުށަހެޅުމަށް އިންކާރު ނުކުރާހުށީމެވެ. އަދި ތިމަންކަމަނާ ކައިވެނި ބައްލަވާ ގަންނާނީ ޖުލޭބީބް އާއެވެ."

މިޚަބަރު ޖުލޭބީބް އަށް ލިބުމުން އޭނާ ވަރަށް ބޮޑަށް އުފާވިއެވެ. ޖުލޭބީބް ގެ ކައިވެންޏަށް މާއްދީ ގޮތުން އެހީތެރިވުމަށް މާތް ނަބިއްޔާ (ޞޢޥ) އެކަލޭގެފާނުގެ އަސްޙާބު ބޭކަލުން އަރިހު އެދުނެވެ. އަދި ޖުލޭބީބް ގެ ކައިވެނި ކުރެވުނެވެ.

އޭގެފަހުން ދުވަސްތަކެއް ވޭތުވެގެން ދިޔައެވެ. އެއީ ޚަންދަޤު ހަނގުރާމައިގެ ދުވަސްކޮޅެވެ. ޖުލޭބީބް ރަޟިއަﷲ އަންޙު ވެސް ހުންނެނީ އެހަނގުރާމައިގައެވެ. އެހަނގުރާމައިގާ ނަސްރު ލިބުނީ މުސްލިމުންނަށެވެ.

ހަނގުރާމަ ނިމުމުން ކޮންމެ މީހަކުވެސް އެމީހެއްގެ ބައްޕައެއް، ބޭބެއެއް، ބޮޑުބޭބެއެއް ނުވަތަ ކޮއްކޮ އެއް ނުފެނިގެން ހޯއްދެވިއެވެ. ނަމަވެސް ރަސޫލާ (ޞޢޥ) ްހޯއްދަވަމުން ގެންދެވީ އެންމެ ބޭފުޅެކެވެ. "ތިމަންކަލޭގެފާނުގެ ޖުލޭބީބް ކޮބާ ހެއްޔެވެ؟"

"ތިމަންމެންނަށް އެނގިވަޑައެއް ނުގަންނަވާ ޔާ ރަސޫލުﷲ (ޞޢޥ)" ޖަވާބުގައި އަސްޙާބު ބޭކަލުން ދެންނެވިއެވެ.

ޙަޤީޤަތުގައި ޖުލޭޭބީބް އާއިމެދު ރަސޫލާ(ޞޢޥ) ފިޔަވާ އެހެން އެކަކުވެސް ނުވިސްނަވައެވެ.

"ޖުލޭބީބް ކޮބާ ހެއްޔެވެ" ތަކުރާރުކޮށް އެކަލޭގެފާނު އެއްސެވިއެވެ.

ޖަވާބުގައި އަސްޙާބު ބޭކަލުން ދެންނެވީ ޖުލޭބީބް އާއި ބެހޭގޮތުން އެއްވެސް އެއްޗެއް އެނގިނުލައްވާ ކަމަށެވެ.

ޖިހާދުވެފައި ތިބި އެހެން ސަޙާބީންގެ ހަށިތައް ކައިރިން ދަނިކޮށް، މާތް ނަބިއްޔާ (ޞޢޥ) އަށް ޖުލޭބީބް ރަޟިޢަﷲ އަންޙު ފެނިވަޑައިގަތެވެ. އޭނާ އޮތީ ޝަހީދުވެފައެވެ. ނަމަވެސް ޝަހީދުވެފައި އޮތް އިރު، ޖުލޭބީބް ގެ ވަށައިގެން، ޤުރެއިޝުންގެ ހަތް މީހުން މަރުވެފައި އޮތެވެ.

މިމަންޒަރު ރަސޫލާ (ޞޢޥ) އަށް ފެނިވަޑައި ގަތުމުން، ޖުލޭބީބްއާއި ދިމާލަށް އިރުކޮޅަކު ބަލަން ހުރެފައި ކީރިތި ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ.

"އޭނާ ޝަހީދު އެވީ އިސްލާމް ދީނުގެ ހަތް ދުޝްމިނުން ގަތުލު ކުރުމަށް ފަހުއެވެ. ޖުލޭބީބް ވަނީ ތިމަންކަލޭގެ ފާނުންނެވެ. އަދި ތިމަންކަލޭގެފާނު ވަނީ ޖުލޭބީބް އިންނެވެ" މާތް ރަސޫލާ (ޞޢޥ) މިހެން ތިން ފަހަރު ޙަދީޘްފުޅު ކުރެއްވިއެވެ.

"ޖުލޭބީބް އަކީ ތިމަންކަލޭގެފާނުގެ އާއިލާގެ ބޭފުޅެކެވެ. އަދި ތިމަންކަލޭގެފާނަކީ ޖުލޭބީބް ގެ އާއިލާގެ ބޭފުޅަކީމެވެ."

ޖުލޭބީބް ރަޟިޢަﷲ އަންޙު ގެ ހަށިކޮޅު އެކަލޭގެފާނުގެ ދެއަތްޕުޅުން ނެންގެވިއެވެ. އަދި ނުހަނު ބޮޑަށް ކީރިތި ކުރެއްވުމަށްފަހު ހުއްޓާލާފައި މާތް ނަބިއްޔާ (ޞޢޥ) ހިނިތުން ވެލިއެވެ. އަދި އަނެއްކޮޅަށް ބެއްލެވިއެވެ.ޖުލޭބީބްގެ ހަށިގަނޑު ވަޅުލެއްވީ އެމާތް ދެއަތްޕުޅުންނެވެ

'ޔާ ރަސޫލުﷲ (ޞޢޥ) އެވެ. ކަލޭގެފާނު ފުރަތަމަ ކީރިތި ކުރައްވާފައި ދެން ހިނިތުންވެލާފައި އަނެއް ކޮޅަށް ބެއްލެވީ ކީއްވެތޯއެވެ؟" މަންޒަރު ބަލަން ހުންނެވި އަސްޙާބު ބޭކަލެއް ސުވާލު ކުރެއްވިއެވެ. ރަސޫލާ (ޞޢޥ) ޙަދީޘް ކުރެއްވިއެވެ.

"ތިމަންކަލޭގެފާނު ކީރިތި ކުރެއްވީ ތިމަންކަލޭގެފާނުގެ އާއިލާގެ މެންބަރަކު ގެއްލުމުން އެކަމުގެ ހިތާމައިގައެވެ. އޭނާއަށް ތިމަންކަލޭގެފާނު ފިޔަވާ އެހެން އެއްވެސް މީހަކު އަޅާނުލައްވައެވެ. އެވަގުތު މާތް ﷲ ސުބްޙާނަޙޫ ވަޠައާލާ ތިމަންކަލޭގެފާނަށް، ސުވަރުގޭގައި ޖުލޭބީބް ހުންނެވި ދަރަޖަ ދެއްކެވިއެވެ.

އަދި ސުވަރުގޭގެ ހޫރުއްލީނެއް އޭނާގެ އަނތްބެއްގެ ގޮތުން، ޖުލޭބީބް ގެ ފުރާނައާއި ދިމާލަށް ދުވެފައި ދިޔަ މަންޒަރު ވެސް ތިމަންކަލޭގެފާނަށް ފެނި ވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނަށް ހިނިތުން ވެވުނީ، ސުވަރުގެއިން އޭނާ ބޭނުންވިފަދަ އަނތްބެއް އޭނާއަށް ލިބުމުން، އެކަމާއި އުފަލުންނެވެ. ޖުލޭބީބް އާއި ދިމާލަށް އެކަމަނާ ދުވެފައި ދިޔައިރު، އެކަމަނާގެ ފުންނާބު ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވީއެވެ.

އެހެންކަމުން ތިމަންކަލޭގެފާނު އަނެއް ކޮޅަށް ބެއްލެވީއެވެ. ޖުލޭބީބްގެ އަނތްބަކާއި ދިމާލަށް ބެލުމުގެ ޙައްޤެއް ތިމަންކަލޭގެފާނަށް ލިބިގެންނެއް ނުވެއެވެ."

އާރޓިކަލް ރޭޓްކުރައްވާ


32%
ވ.ރަނގަޅު
19%
ރަނގަޅު
16%
އޯކޭ
32%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ