އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ނިޔާގެ ފޮޓޯތައް: ޤުދުރަތީ ރީތިކަމާއި އަމިއްލަވަންތަ ކަމުން ފުރިފައިވާ ފޮޓޯތަކެއް!

ނިޔާގެ ފޮޓޯތައް: ޤުދުރަތީ ރީތިކަމާއި އަމިއްލަވަންތަ ކަމުން ފުރިފައިވާ ފޮޓޯތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 37 ސިކުންތު

ފޮޓޯ ނެގުމަކީ ވަރަށް ގިނަ މީހުން ޝައުޤުވެރިވާ ކަމެކެވެ. ފޮޓޯ ނެގޭ ފޯނެއް ލިބިއްޖެނަމަ، އެކި މަންޒަރުތަކުގެ ރީތިހެން ހީވާ ފޮޓޯ ނެގުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ އެންމެ މަގުބޫލު އެއް ހޮބީއެވެ.

މިފަދައިން ރީތި ފޮޓޯތައް ނަގަން ފެށި އެކަކީ ށ. ބިލެއްފަހި/އެލްޒިއަމް ނިޔާޒް މުޙައްމަދު (30އ.) އެވެ.

           

 

ފޭސްބުކްގައި "ނިޔާސް ފޮޓޯގްރަފީ" ޕޭޖުގައި ހިމެނޭ އޭނާ ނަގާފައިހުރި ހިތްގައިމު ފޮޓޯތަކާއިމެދު ވާހަކަ ދައްކާލަމުން "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ނިޔާ ބުނީ އޭނާ އެންމެ ފުރަތަމަ އެފަދަ ތަފާތު ފޮޓޯއެއް ނެގީ 2007 ވަނަ އަހަރު ކަމަށެވެ.

         

 

"2007 ވަނަ އަހަރު ސޮނީ އެރިކްސަން ވޯކްމަން ފޯނަކުން ނެގި ފޮޓޯއަކުން މިކަން އަސްލު ފެށުނީ. އެއިރުވެސް ވަރަށް ފޮޓޯ ނަގާހިތްވޭ. ދެން އެއް ދުވަހު ނިކަގަހަކަށް އަރާފައި، ދޯނިތަކެއްގެ ފޮޓޯއެއް އޭގެން ނެގީ. ގިނަ މީހުންނަށް ވަރަށް ކަމުދިޔަ އެފޮޓޯ" ނިޔާގެ ފޮޓޯ ޙަޔާތުގެ ފެށުން ކިޔައިދެމުން އޭނާ ބުންޏެވެ.

އޭގެފަހުން އޭނާގެ ދޮންބެ އޭނާއަށް ގަނެދިން ފޯނަކުންވެސް ނިޔާ ފޮޓޯ ނެގިއެވެ. ފޯނަކުން ފޮޓޯ ނެގިޔަސް ނިޔާ ނަގާފައިހުރި ފޮޓޯތައް ގިނަ މީހުންނަށް ވަރަށް ކަމުދިޔައެވެ.

           

 

"ގިނަ މީހުންނަށް ފޮޓޯތައް ކަމުދަނީ އޭގެ ކޮލިޓީއަށް ބަލާފައެއް ނޫން. ފޮޓޯ ކޮލިޓީއަށް ގިނަފަހަރަށް ނުވެސް ބަލާ. ބަލަނީ ނަގާފަ ހުންނަ ފޮޓޯގެ ތަފާތުކަމަށް، އައިޑިއާ އަށް" ނިޔާ ބުންޏެވެ.

            

 

ނިޔާ ނަގާފައިހުރި ތަފާތު އެކިއެކި ފޮޓޯތައް ދައްކާލުމަށް ފޭސްބުކްގައި ޕޭޖެއް ހަދާފައިވަނީ 2014 ވަނަ އަހަރުއެވެ. ނިޔާ ބުނިގޮތުގައި އޭނާ އެއިރު އެޕޭޖު ހިންގީވެސް ފޯނަކުން ނަގާފައިހުރި ފޮޓޯތަކެއް ލައިގެންނެވެ.

         

 

"ސޮނީ އެކްސްޕީރިއާ އެލް އަކުން ނަގާފަ ހުރި ފޮޓޯތަކެއް އެއިރު ޕޭޖުގަ މުޅިންވެސް ހުންނާނީ. އެކަމަކު ވެސް ވަރަށް ގިނަ މީހުންނަށް ކަމުދިޔަ. ފޮޓޯ ނަގަން ކެމެރާއެއް އެންމެ ފުރަތަމަ ވެސް ލިބުނީ 2016 ވަނަ އަހަރު. އެއީ ވެސް އިންސްޓޯލްމަންޓަށް ވަރަށް އަގުހެޔޮކޮށް ނެގި ކެމެރާއެއް. މިހާރު ފޮޓޯނަގަނީ ކެނަން ކެމެރާއަކުން. އެކަމަކު އަޅުގަނޑު ނަގާ ފޮޓޯތައް މާބޮޑަކަށް އެޑިޓެއް ނުކުރަން، ފިލްޓާ އެއްވެސް ނުލަން. ހަމައެކަނި ލައިޓިން އާއި ޝެޑޯ ރަނގަޅު ކޮށްލަނީ" ނިޔާ ކިޔައިދިނެވެ.

           

 

އެހެން މީހުންގެ ފޮޓޯތަކާއި ނިޔާ ނަގާފައި ހުންނަ ފޮޓޯތައް ތަފާތުވަނީ، އެފޮޓޯތަކުގައި އަމިއްލަވަންތަކަން ގިނަވެ، ޤުދުރަތީ ރީތިކަން ވެސް ދައްކުވައިދޭތީއެވެ. އޭނާ ނަގާފައިހުންނަ ގިނަ ފޮޓޯތަކަކީ އެފޮޓޯއަކަށް މީހަކު ހުއްޓިހުރެ ނަގާފައި ހުރި ފޮޓޯތަކެއް ނޫނެވެ. އެހެންނަމަވެސް ފޮޓޯތައް އެހާމެ ރީއްޗެވެ.

          

 

"ނަގާފަ ހުރި ގިނަ ފޮޓޯތަކަކީ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވާދީފަ ހުރި ފޮޓޯތައް. އަދި 99% ފޮޓޯތައް ނަގާފަ ހުންނާނީ ބިލެއްފަހީގަ. ހޮބީއެެއްގެ ގޮތުން ފެށި މިމަސައްކަތް މިހާރު ކުޑަކޮށް ވިޔަފާރި އުސޫލުންވެސް ކުރަން. އެއީ ބައެއް މީހުން ބުނީމަ ޚާއްސަ އިވެންޓުތަކަށް ނޫނީ ހަމަ ފޮޓޯއެއް ނަގާހިތުން ބުނެގެންވެސް ނަގާދެން. އެގޮތުން ނަގާއިރުވެސް މާބޮޑު އަދަދެއް ނުކިޔަން. 100 ރުފިޔާއަށް ނުވަތަ ކޮފީއަކަށް ބުނަނީ" ހިނިގަނޑެއް ޖަހާލުމަށްފަހު ނިޔާ ބުންޏެވެ.

           

 

ނިޔާގެ މަސައްކަތުގެ ފަހަތުގައި، އޭނާއަށް ވެސް މިފަދަ ކުރިއެރުމެއް ލިބުމުގައި އެހީތެރިވެދިން ބައެއް ފަރާތްތަކުގެ ނަންތައް އޭނާ ފާހަގަ ކޮށްފައިވެއެވެ.

         

 

"ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކޮށްލަން ބޭނުން އާއިލާއަށާއި، ރައްޓެހިންގެ އިތުރުން ޓޮކްސީގެ މީހުންނަށް" ބަސްދީގަތުން ނިންމާލަމުން ނިޔާ ބުންޏެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


34%
ވ.ރަނގަޅު
15%
ރަނގަޅު
9%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ