އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރިލްވާން އެއިރު ޑިޕްރެޝަނަށް ވެސް ދިޔަ، ކީއްވެގެންކަން މިއެނގުނީ އަދި ކިރިޔާ: ޝެހެނާޒް

ރިލްވާން އެއިރު ޑިޕްރެޝަނަށް ވެސް ދިޔަ، ކީއްވެގެންކަން މިއެނގުނީ އަދި ކިރިޔާ: ޝެހެނާޒް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 47 ސިކުންތު

އިއްޔެއާއި ހަމައަށް އެންމެންނަށްވެސް ޔަގީންވެފައިވަނީ ބަޔަކު، މިނިވަން ނޫސްވެރިޔާ އަޙުމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ ކަމަށެވެ. އޭނާއާއިމެދު ކަންތައްވީ ގޮތް އޮޅުންފިލުވަމަށާއި އޭނާ މިހާރު ކޮބައިތޯ، މިއީ އެންމެންވެސް ކުރަމުން އައި ސުވާލެކެވެ. އަދި މިސުވާލު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ ނޫސްވެރިޔާ ރިލްވާންގެ އާއިލާ މީހުންނެވެ.

2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ރިލްވާންގެ ޚަބަރެއްނުވެ، އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވުމުގެ ސަބަބުން، ރިލްވާން ހޯދައިދިނުމަށާއި އޭނާއަށް ވީނުވީއެއް އަންގައިދިނުމަށް އެއާއިލާއިން ހުއްޓުމެއްނެތި ގޮވާލާ އާދޭސް ކުރަމުން ދިޔައެވެ. މަދުން ނަމަވެސް އެކި ވާހަކަތަކެއް ރިލްވާންއާއި ބެހޭ ގޮތުން ދައުރުވަމުން ދިޔަނަމަވެސް، ޔަގީންކޮށް އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއާއިލާއަށް ހިއްސާ ކޮށްދީފައެއް ނުވެއެވެ.

ނަމަވެސް ރިލްވާނަށް ކަންތައްވީ ކިހިނެއްތޯ ކުރަމުންދިޔަ އިންތިޒާރަށް އިއްޔެވަނީ ނިމުމެއް އައިސްފައެވެ. ގެއްލިފައިވާ މީހުންނާއި މަރުތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ، ރިލްވާން އާއިމެދު ކަންތައް ހިނގާދިޔަ ގޮތްތަކެއް ކިޔާދެއްވާފައެވެ. އެގޮތުން އަހުމަދު ރިލްވާން އަބްދުﷲ މިހާރު މިދުނިޔޭގައި ނެތް ކަމަށާއި އޭނާ މަރާލާފައިވަނީ، ބްލޮގަރ ޔާމީން ރަޝީދުގެ މަރާއިވެސް ގުޅުން ހުރި ބަޔަކު ކަމުގައި ވެސް ބުނެފައިވެއެވެ.

އިއްޔެ ލިބުނު މައުލޫމާތުތަކާއި ގުޅިގެން ރިލްވާންގެ މުޅި އާއިލާއަށް ވަނީ ފޫނުބެއްދޭވަރުގެ ހިތްދަތިކަމަކާއި ކުރިމަަތިވެފައެވެ. މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން ރިލްވާންގެ ދައްތަ ޝެހެނާޒް ބުނީ، ރިލްވާނަށްވީ ގޮތުގެ މައުލޫމާތު އެނގުނީ އުންމީދުކުރި ގޮތަކަށް ނޫން ކަމަށެވެ.

"އުންމީދު ކުރި ގޮތަކަށް ނޫން މިކަން މިނިމުނީ. ވަރަށް ބޮޑަށް އުންމީދު ކޮށްގެން ތިބީ ކޮންމެވެސް ދުވަހަކުން ރިލްވާން ފެންނާނެ ކަމަށް، އެނބުރި އަންނާނެކަމަށް. ނަމަވެސް އިއްޔެ ލިބުނު ޚަބަރުތަކާއި ގުޅިގެން ހިތް މުޅިން ފަޅައިގެންގޮސްފި. އެމީހުން އެކުއްޖާފުޅަށް އެންމެ ފަހު ވަގުތު ހެދި ގޮތްތައް އެނގުނީމަ ކަރުނަ ނުހިކޭ ލޮލުން" ޝެހެނާޒް ބުންޏެވެ.

މަރު ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި، ރިލްވާން މަރާލީ އޭނާ ގެއްލުނު ރޭ ހުޅުމާލޭ 21 ނަންބަރު ފްލެޓު ކައިރިން އޭނާ ގަދަކަމުން ރަތް ކުލައިގެ ކާރަކަށް އެރުވުމަށްފަހު ކަނޑުމައްޗަށް ގެންގޮސްފައެވެ. ކާރުގައި ގެންދިޔުމަށްފަހު ޑިންގީއަކަށް އަރުވާ، އެޑިންގީގައި ގެންގޮސް އެހެން އުޅަނދަކަށް ގެންދިޔަ ކަމަށާއި މަރާލީ އެއުޅަނދަށް ގެންދިޔުމަށްފަހު، ޝަހާދަތް ކިޔުއްވާފައި ރިލްވާންގެ މޫނުގައި ދާގަނޑެއް އޮޅައިގެން ކަމަށް ވެސް އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވިއެވެ.

"އެމީހުންނަކަށް ނުޖެހޭ އޭނަ ލައްވާ ޝަހާދަތް ކިޔުއްވާކަށް! ބަލަ ރިލްވާނަކީ މުސްލިމެކޭ!. އޭނަ އަކީ ބަރާބަރަށް ރޯދަ ހިފާ ނަމާދުކޮށް އުޅުނު މީހެއް. ކިހާ ރީތިކޮށް އޭނަ އެމީހުންނާއި ވާހަކަ ދައްކާފަވެސް އެހުރީ، ތިމަންނައަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ނޫނޭވެސް ކިހާ ރީތިކޮށް ބުނެފަހުރީ؟" ޝެހެނާޒް ބުންޏެވެ.

ރިލްވާނަށް އެއްވެސް ބަޔަކު އިންޒާރު ދިންކަން އާއިލާގެ އެއްވެސް މީހަކަށް ކުރިން އެނގިފައިވެތޯ ސުވާލު ކުރުމުން ޝެހެނާޒް ބުނެފައިވަނީ އޭގެ އެއްވެސް މައުލޫމާތެއް އެނގިފައިނުވާ ކަމަށެވެ.

"އެއްވެސް ވާހަކައެއް ކިޔާދީފައެއް ނުވޭ. އޭނައަށް ވަމުން އައި އެއްވެސް ގޮތެއް އެކަކު ކައިރިއަކުވެސް ނުބުނޭ. އެކުއްޖާފުޅު އެއިރު އެއުޅުނު ހާލު މިހާރު އެނގުނީމަ އަދި ވަކިން ދެރަވޭ. ރިލްވާން އެއިރު ޑިޕްރެޝަނަށް ވެސް ދިޔަ. އެއީ ކީއްވެގެންކަން މިއެނގުނީ އަދި ކިރިޔާ. އޭނައަށް ދިމާވަމުން އައި ކަންކަން ކުރިން އެނގުންނަމަ ވަކިން ތަނެއްގަ ދިރިއުޅުނަވެސް ނުދޭނަން. އޭނަ ގެއްލުނު ރޭ ވެސް، މިގެއިން ދިޔުމުގެ ކުރިން އަޅުގަނޑު ކައިރީބުނި ތިއްތާއޭ ވަރަށް ބޮޑަށް މޭގަ ރިއްސާތީއޭ މިއުޅެނީ. އަޅުގަނޑު ބުނިން ދެން އެހެންވީރު އެރޭ ނުގޮސް ގޭގަ މަޑުކުރަންވީ ނޫންހޭ، އަނެއްދުވަހު އަޅުގަނޑާއެކު ދާނީއޭ ޑޮކްޓަރަށް ދައްކަން. ބުނީމަވެސް ރިލްވާން ބުނި ނޫނެކޭ ދެން މިރޭ ދާނީއޭ. އެދިޔަ ގޮތަށް އޭނަ އެދިޔައީ" ހިތާމައިން ފުރިފައިވާ އަޑަކުން ޝެހެނާޒް ކިޔައިދިނެވެ.

ރިލްވާނަށްވީ ގޮތް އިއްޔެ ހާމަ ކުރި ފަހުން، މިކަމާއިމެދު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ބަހެއް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިއްޔެ ރިޔާސީ ކޮމިޝަނަށް ހޯދިފައިވަނީ މީގެ ތިން އަހަރު ކުރިން މިމައްސަލައިގައި ފުލުހުންނަށް ވެސް ހޯދިފައިވާ މައްސަލަތަކެވެ. އުމަރު ނަސީރަށް ރައްދު ދެއްވަމުން ޝެހެނާޒް ބުނީ، އެމަނިކުފާނަކީ އެއިރު އެއާއިލާއިން އެންމެ ގިނައިން މިމައްސަލައިގައި ބައްދަލުކުރި މިނިސްޓަރު ކަމަށާއި ނަމަވެސް މިކަމުގެ އެއްވެސް މައުލޫމާތެއް އުމަރު ނަސީރު ދެއްވާފައި ނުވާ ކަމަށެވެ.

"ހާދަ ގޯސް މީހެކޭ އުމަރު ނަސީރު އަކީ. ރިލްވާން ގެއްލިގެން މިކަމުގައި އެއިރު އެންމެ ގިނައިން ބައްދަލު ކުރި މިނިސްޓަރު އުމަރު ނަސީރަކީ. ކޮންމެ ފަހަރަކު ވެސް ބައްދަލު ކުރަން އެދުމުން ބައްދަލުކުރޭ. އެކަމަކު ޖަވާބެއްގެ ގޮތުގައި ދަންނަވަނީ ތަހުގީގަށް އަދި އިތުރު އެއްވެސް ކަމެއް އެނގިފައިނުވާ ކަމަށް. މިއަދު އެއީ ކުރިންވެސް ހޯދުނު މައުލޫމާތޭ ވިދާޅުވާންވީ ކީއްވެގެންތޯ؟ މިމައުލޫމާތުތައް މީގެ ތިން އަހަރު ކުރިން ފުލުހުންނަށް ހޯދިފައިވާނަމަ ކީއްވެތޯ އުމަރު ނަސީރު އެކަން އަޅުގަނޑުމެންނާ (ރިލްވާންގެ އާއިލާއާއި) ހިއްސާ ނުކުރެއްވީ؟" ޝެހެނާޒް ސުވާލު ކުރިއެވެ.

ރިލްވާންގެ މަރާއިބެހޭ ގޮތުން އެއާއިލާއިން ވަނީ ބަޔާނެއްވެސް މިހާރު ނެރެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
12%
ރަނގަޅު
27%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ