އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހިތާދޫ އާއި ބެހޭގޮތުން ކުރިން ނޭނގޭ ބައެއް ކަންކަން! "ހިތާދޫ ހުދު ފޮށާ" ލަގަބަކަށްވީ ކިހިނެއް؟

ހިތާދޫ އާއި ބެހޭގޮތުން ކުރިން ނޭނގޭ ބައެއް ކަންކަން! "ހިތާދޫ ހުދު ފޮށާ" ލަގަބަކަށްވީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 15 ސިކުންތު

ބ. ހިތާދޫ އަކީ މީހުން މަދު ނަމަވެސް، ކުޑަ ރަށެކޭ ބުނާވަރު ރަށެއް ނޫނެވެ. ކުރިންވެސް ބުނި ފަދައިން، މިރަށަކީ މީހުން އެކަކު އަނެކަކާ ވަރަށް ގުޅޭ، އެކުވެރި އަދި އެހާމެ އެހީތެރި ރަށެކެވެ. ހިތާދޫ އަށް މިކުރި ދަތުރުގައި، އެރަށާއިބެހޭ ގޮތުން ކުރިން ނޭނގޭ ބައެއް ކަންކަން އޮޅުން ފިލުވާލީމެވެ.

އެގޮތުން ހިތާދޫ އާއި ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް "މިއަދުނޫހަށް" ދިނީ އެރަށު ސްޓާ ސޮފިއްޔާ ޙުސެއިން އެވެ. 

ހިތާދޫގައި ފެނުން މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރަކީ، އެރަށުގައި ބުރުގާ ނާޅާ އެއްވެސް އަންހެނަކު ނޫޅޭ ކަމެވެ. އުމުރުން ގާތްގަނޑަކަށް 10 އަހަރުން މަތީގެ ހުރިހާ އަންހެންކުދިންނާއި އަންހެނުންހެން ތިބެނީ ބުރުގާ އަޅާފައެވެ. ހިތާދޫ އަކީ އަބަދުވެސް ދީނީ ކަންކަމަށް އެހާ ސަމާލުކަން ދީގެން އުޅޭ ރަށެއްތޯ ސުވާލު ކުރުމުން ސޮފިއްޔާ ބުނީ، ކުރިން ހިތާދޫ އޮންނަނީ އެހެން ނޫން ކަމަށާއި އިސްލާމްދީނުގެ ކަންކަމަށް ރައްޔިތުން ބޮޑަށް އަޙުލުވެރިވީ ހެޔޮލަފާ ޝެއިޚެއްގެ ސަބަބުން ކަމަށެވެ. 

އެޝެއިޚަކީ މައްޝޫރު ޤާނޫނީ ވަކީލު އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސެއިން ގެ ލޮބިވެތި ބައްޕާފުޅު ޙުސެއިން ޔޫސުފް އެވެ. 

"ދީނީ ކަންކަމަށް އަސްލުގަ މިހާރު މިރަށް ފަރުވާ ކުޑަ ކޮންމެވެސް ވަރަކަށް. މިސްކިތްތައް ވެސް އަންނަނީ ފަޅުވަމުން. ކުރިޔާ އަޅާ ބަލާއިރު މާބޮޑަށް ވެސް ފަޅު. ދެން ގޭގައި ނަމާދު ކުރެއޭ ނުކުރެޔޭ ބުނާކަށް ނޭނގެ. މީހުން ނަމާދު ނުކުރެއެކޭ ބުނާކަށް ނުކެރޭނެ. އަހަރުމެން ކުރިން ބުރުގާ އަޅަން ފަށައިގަތް އިރު ވަރަށް ގިނަ މީހުން އެއްޗެހިކި. އެއިރު ކިޔާނީ ވެސް ހިތާދޫ ސަތަރިގަނޑު. އެއީ ދެން މަލާމާތަކަށްކީ އެއްޗެއް. އެންމެން ވެސް އެއިރު ހުންނާނީ ވަށް ބުރުގާ އަޅާފަ. އަސްލު މީހުން ބުރުގާ އަޅަން ފެށީ މީހަކު މަޖުބޫރު ކޮށްގެނެއް ނޫން، މީހަކު ބުނެގެނެއް ނޫން. ބުރުގާ އަޅަން ދިމާވީ ހަމަ ދީނީ ނަސޭޙަތުން. ދީނީ ނަސޭޙަތް ދެއްވީ ޝެއިޚް ޙުސެއިން. ޝެއިޚް ޙުސެއިން އަޅުއްވާދެއްވި ސްކޫލެއް އެއީ އުއްމުލް ޣުރާ. އެސްކޫލް ކުދިން ފުރަތަމަ ބުރުގާ އަޅަން ފެށީ ސްކޫލްގެ ޔުނީފޯމް އާއި އެއްގޮތަށް. ދެން ތިބި މީހުން ބުރުގާ އެޅީ ޝެއިޚް ދެއްވި ނަސޭޙަތުގެ ސަބަބުން. އެއިރު ބުރުގާ އަޅާނެ އެއްޗެހިވެސް ނެތިގެން، ދިގުހެދުން އެއްޗެހި ބުރިކޮށްލައިގެން ވެސް މީހުން ބުރުގާ ހަދާނެ. އަޅުގަނޑުމެން ރަށުގެ ތަޢުލީމީ ބާނީ އަކީ އެއީ. އޭނަގެ ސަބަބުން މިރަށަށް މިހުރިހާ ކަމެއް ވެސް އައީ. އިސްލާމް އުނގެނުން ވެސް އަދި އިނގިރޭސި އުނގެނުން ވެސް" ސޮފިއްޔާ ކިޔައިދިނެވެ. 

ހިތާދޫ އޭ ބުނުމުން ދެން ހިތައް އަންނަ އަނެއް ވާހަކައަކީ ޒަމާނުއްސުރެ އެރަށަށް ދީފައިވާ ލަގަބެކެވެ. "ހިތާދޫ ހުދު ފޮށާ" ގެ ލަގަބެވެ.

މިލަގަބާއި ބެހޭގޮތުން ރަށުގައި ދެކެވޭ ބައެއް ވާހަކަތައް ތަފާތެވެ. އެއްބަޔަކު ބުނާ ގޮތުގައި އެއީ އެއިރު އެހެން ކިޔާ އުޅުނީ ބަޑިޖަހަން ބޯޓެއް ނިކުމެ އުޅޭތީ ބޮލުގަ ހުދު ފޮށާ އޮޅައިގެން ނިކުތުމުން އެބޯޓު ބިރުންދާތީއެވެ. އަނެއް ބަޔަކު ބުނިގޮތުގައި "ހިތާދޫ ހުދުފޮށާ" ގެ ލަގަބު އެރަށަށް ލިބުނީ އެއިރު އެރަށުގެ ގިނަ މީހުން ބޮލުގައި އަބަދުވެސް ހުދު ފޮށާ އޮޅައިގެން އުޅޭތީއެވެ. މިކަމާއި ބެހޭގޮތުން ސޮފިއްޔާ ވަނީ އޭނާގެ އަމިއްލަ ޅެމެއް ވެސް ކިޔައިދީފައެވެ. 

"އަހަރުމެން ވަރަށް އުފާވޭ ހުދު ފޮށާ އެލަގަބު ލިބިފަ އޮންނާތީވެސް. މަރުވީމަވެސް ގައިގަ އޮޅާނީ އެދޯ. ހިތާ-ދޫ ހަށިގަނޑުގެ އެންމެ މުހިންމު ދެ ގުނަވަން، އަދި މިލިބުނީ ހުދު ފޮށާ ގެ ލަގަބު.

ހިތާ ރޫހު އުފާކުރަނީ،

ހިތާދޫ މީހަކަށްވީތީ.

ހިތައް ހިތްހަމަޖެހުން ލިބެނީ،

ފޮށާ ހުދު ލަގަބަކަށް ވީތީ." 

މިރަށުން ފެނުނު އެހެން ހައިރާން ކުރުވަނިވި ކަމެއްވެސް ވެއެވެ. ރަށުގެ މީހުން އެކަކު އަނެކަކާއިމެދު އޮންނަ ގާތްކަމުގެ އިތުރުން އެކަކު އަނެކަކާމެދު އޮންނަ އިތުބާރެއްގެ ބޮޑުކަމެެވެ. އޭގެ އެއް ހެއްކަކީ، އެއްވެސް މީހަކު ބަލަން ނުވަތަ ފާރަވެރިއަކަށް ނުހުރެ، ރަށުގެ މަގުމަތީގައާއި ތަންތަންކޮޅުގަ އެއްޗެހި ވިއްކަން ބަހައްޓާފައި ހުރުމެވެ. ފޮށްޓެއްގެ ތެރެއަށް އެއްޗެހި އަޅާފައި، އޭގައި ހުންނަނީ އަގު ޖަހާލާފައެވެ. ދެން ބަހައްޓާފައި ހުންނަނީ އެއެއްޗެއް ގަންނަން ފައިސާ އަޅަން ފުޅިއެކެވެ. ނުވަތަ އެފޮށިގަނޑު ތެރެއަށްވެސް ފައިސާ އެޅިދާނެއެވެ. ފޮށްޓަށް އަޅާފަ ހުންނަ ފައިސާ ނަގާތޯ ބަލަން މީހަކު ނުހުރެއެވެ. އަދި އެތަކެތި ވިއްކަން ވެސް މީހަކު ނުހުރެއެވެ. 

ގިނަ ފިހާރަތަކުގައި ފޯއްފުޅިވެސް ވިއްކަން ހުންނަނީ މިފަދައިންނެވެ. ފުޅިއަށް ފައިސާ ލާފައި އެމީހަކު ގަންނަން ބޭނުން ވަރަކަށް ފޯއްޕެކެޓު ހިފައިގެން ދާންވީ އެވެ.

"ތީގެ ސޭޓަކީ ތި ގަންނަ މީހާ" އެކަމާއިމެދު ސުވާލު ކުރުމުން ފިހާރައެއްގެ ސޭޓަކަށް އިން މީހަކު ހިނިތުންވުމަކާއެކު ބުންޏެވެ.

އެގޮތަށް އެއްޗެހި ބަހައްޓާފައި ދިޔުމުން މީހުން ފައިސާ ނުދީ ތަކެތި ހިފައިގެން ނުދޭތޯ އެހުމުން ރަށުގެ ގިނަ މީހުން ބުނީ މަދުފަހަރަކު ނޫނީ އެހެން ނުވާ ކަމަށެވެ.

"ގިނައިން ހަމަ ތަކެތި މަދުވެފަ ހުންނަވަރާ ލިބިފަ ހުންނަ އަގު ދިމާވޭ. ދެން މަދު ފަހަރަކު ހުރޭ އެހެން ދިމާނުވެ ވެސް. އެވެސް އެއީ ރަށުގެ މީހަކު ނަގަނީއެކޭ ނުބުނާނަން. ބޮޑަށް ހީވަނީ ރަށުން ބޭރުން އަންނަ ބައެއް މީހުންގެ ކަމެއްހެން." ސޮފިއްޔާ ބުންޏެވެ. 

ހިތްފަސޭހަކަމާއި އޯގާތެރިކަން އެރަށަކުން ލިބެމުން އަންނަ ހިތާދޫގައި ދަތިކަމެއްގެ ގޮތުގައި މީހުން ފާހަގަ ކޮށްފައިވަނީ އެންމެ ކަމެކެވެ. އެއީ ރަށުގެ ނަރުދަމާ އަދިވެސް ނުހެދި ހުރުމުގެ މައްސަލައާއި އެކަމުގެ ސަބަބުން ފެން ސަކަރާތްވެފަ ހުންނަ މައްސަލައެވެ. 

އާރޓިކަލް ރޭޓްކުރައްވާ


27%
ވ.ރަނގަޅު
21%
ރަނގަޅު
15%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ