އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯޖެހި އަހްމަދު މަނިކު އަވަހާރަވެއްޖެ!

ލޯޖެހި އަހްމަދު މަނިކު އަވަހާރަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި، އަދި އިޖުތިމާޢީ ޚިދުމަތްކުރެއްވުމުގައި ނަމޫނާ ޝަޚްޝިއްޔަތެއް ކަމަށްވާ މަޝްހޫރު ލޯޖެހި އަޙްމަދު މަނިކު އަވަހާރަވެއްޖެއެވެ. 

ތިރީގައި އެވަނީ ލޯޖެހި އަޙްމަދު މަނިކުގެ ޚިދުމަތްތަކާއި ބެހޭ ގޮތުން ވީނިޔުސްގައި ސައިފް އަޒްހަރު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. 

ވިޔަފާރިއާއި އިޖުތިމާއީ ދާއިރާއިން ރާއްޖެއަށް ޚާއްސަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށްވާ ލޯޖެހި އަޙްމަދު މަނިކު އަވަހާރަވެއްޖެއެވެ.

ލޯޖެހި އަހްމަދު މަނިކު އަވަހާރަވީ މިއަދު އިރުއޮއްސުނު ވަގުތު އިންޑިއާގައެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި މަރްހޫމް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށްކުރީ ސަފުގައި ގުނާލެވުނު ބޭފުޅެކެވެ.

އޭނާގެ ޚިދުމަތްތައް ވިޔަފާރީގެ ދައިރާއިން ފެށިފައިވަނީ، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާސިރު "ބީޗްވިލާ“ ހިންގަވަން ފެށްޓެވި ދުވަސްވަރުއެވެ.

1961 ވަނަ އަހަރު "ބީޗްވިލާ“ (1) އިން އުފައްދައި ތަޢާރުފުކުރި މަޝްހޫރު ފިނިބުއިން، އޭރުގެ ނަމުން ދަންނަވާނަމަ، "ޑޮންޑޮން“ ފުޅިފުޅިއަށް އަޅައި ބަންދުކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅަކީ ލޯޖެހި އަޙްމަދުމަނިކެވެ.

ވިޔަފާރީގެ ގޮތުގައި މިމަސައްކަތް އަމިއްލަފުޅަށް ކުރައްވަން ފެށްޓެވުމަކީ އޭނާ އަބަދުވެސް ދެކެވަޑައިގެންނެވި ހުވަފެން ޙަޤީޤަތަކަށް ވެގެންދިޔައީ 1982 ވަނަ އަހަރުއެވެ.

އެންމެބޮޑަށް ފާހަގަކުރެވުނު ކަމަކީ، އޭނާގެ އަމިއްލަ ފޯމިއުލަރއެއް ބޭނުންކުރައްވައިގެން، އެ ބުއިންތައް އުފައްދަވަން ފެށްޓެވި ފެށްޓެވުމެވެ. އެފޯމިއުލަރ ވެގެންދިޔައީ، ހަމައެކަނި އަޙްމަދުމަނިކު ފިޔަވައި އެހެންފަރާތަކަށް ނޭނގޭ ސިއްރު ފޯމިއުލަރއަކަށެވެ.

ފަހުން "ތްރީ ޗޮއިސް“ ގެ ނަމުގައި ރާއްޖެއަށް މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރު ކުރުމުގެ މަސައްކަތް، 14 އޯގަސްޓް 1989 އިން ފެށިގެން އޭނާ ކުރައްވަމުން ގެންދެވީ، ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެންނެވެ.

އޭނާގެ ހިތްވަރު އެކަމުގައި އިތުރުވެގެންދިޔައީ، ސަރުކާރުން ދެއްވަމުން ގެންދެވި ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1997 ވަނަ އަހަރު ލިބިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ.

މަރްހޫމް އަޙްމަދުމަނިކުގެ އެ ވިޔަފާރި ފުޅާކުރައްވައި ހަރުދަނާ ގޮތެއްގައި ހިންގެވުމަށް، 2005 ވަނަ އަހަރު ފެށްޓެވި މަޝްރޫޢުގެ ދަށުން ހޯއްދެވި ކުރިއެރުމަކީވެސް، ވަރަށް މުހިންމު ކުރިއެރުމެކެވެ.

"ތްރީޗޮއިސް" ގެ ބުއިންތައް އެޅުމަށް އެއްފަހަރަށްވުރެ ގިނަފަހަރު ބިއްލޫރިފުޅި ބޭނުންކުރެއްވުން ހުއްޓަވާލައްވައި، ޒަމާނީ މެޝިނަރީ ބޭނުންކުރައްވައިގެން، އަމިއްލައަށް ތައްޔާރުކުރައްވާ ޕެޓް ފުޅީގައި "ތްރީ ޗޮއިސް“ ބަންދުކުރެއްވުމުގެ މަސައްކަތް، 2007 ވަނަ އަހަރުން ފެށިގެން ފެށްޓެވިއެވެ.

ރަހަތަކަށާއި ފެންވަރަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ތަފާތު 6 ރަހައެއްގެ ބުއިންތައް އޭނާވަނީ ފަހުން ބާޒާރަށް ނެރުއްވާފައެވެ. އަދި ރާއްޖޭގައި ވިއްކާ އެހެނިހެން ބުއިންތަކަށްވުރެ ހެޔޮ އަގެއްގައި ލިބެންހުރި ބުއިމަކަށް "ތްރީ ޗޮއިސް“ ވެގެންދިޔައެވެ.

މިކަމުގެ ނަތީޖާއެއްގެގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން މަރްހޫމް ލޯޖެހި އަޙްމަދު މަނިކަށް ޝަރަފްވެރިކަމުގެ ގައުމީ އިނާމު ސަރުކާރުން ދެއްވާފައިވަނީ 2009 ވަނަ އަހަރުއެވެ.

ލޯޖެހި އަޙްމަދު މަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށް ހިންގެވުމުގައިވެސް ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އަވަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވުނު ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި، ގައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގައި "ތްރީ ޗޮއިސް“ގެ ބުއިންތައް އޭނާ ހިލޭ ބައްސަވާފައިވެއެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ގުރްބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެކެވެ.

(1) ބީޗްކްރެސެންޓް

މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! ޢާމީން 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
40%
ރަނގަޅު
0%
އޯކޭ
60%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
ހަސަން އަލީ